ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު އަދި ނައިބު ރައީސް ފާތިމަތު ޒައިނާ ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ފާސްކޮށްފި އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި 10 މެމްބަރުންގެ އިއްތިފާގުންނެވެ.

ޝަހީބާއި ޒައިނާ ވަކިކުރަން ކޮމިޓީއަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލަތް) އެވެ.

ޝަހީބާއި ޒައިނާ ވަކިކުރަން މިއަދު ނިންމާފައިވާއިރު ދެން ތިބި މެމްބަރުންނާ މެދު ގޮތް ނިންމާނީ ހުރިހާ މެމްބަރުންނާ އިންޓަވިއު ކުރުމަށް ފަހު ކަމަށް ކޮމިޓީން މިއަދު ވަނީ ނިންމާފަ އެވެ.

ސަބް ކޮމިޓީން މީގެ ކުރިން ވަނީ ބްރޯޑްކާސްޓިންގް ކޮމިޝަނުގެ މެމްބަރު ޒީނާ ޒާހިރު ފިޔަވައި އެހެން ހުރިހާ މެމްބަރުންނާ އިންޓަވިއުކޮށް ސުވާލުކޮށްފަ އެވެ. ޒީނާއާ ސުވާލު ނުކުރެވުނީ އޭނާ މެޓާނިޓީ ލީވްއެއްގައި ހުރުމުން ކަމަށް ކޮމިޓީން މިއަދު ބުންޏެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ވަކި ވަކިން ހާޒިރުކޮށް އެ މައްސަލަ ބަލަން އެކުލަވާލި ސަބް ކޮމިޓީން މިއަދު ވަނީ ކޮމިޓީ ރިޕޯޓު މިނިވަން މުއަސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައެވެ. އެ ރިޕޯޓުގައި ސަބް ކޮމިޓީއަށް ފާހަގަ ކުރެވޭ ކަންތައް ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް ގޮތެއް ނިންމުމަށް ސަބް ކޮމިޓީން ދޫކޮށްލީ ބޮޑު ކޮމިޓީއަށެވެ.

ސަބް ކޮމިޓީން ހުށަހެޅި ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ ކޮމިޝަންގެ ރައީސް ޝަހީބާއި ނައިބު ރައީސް ޒައިނާގެ މައްސަލައެވެ.

ސަބް ކޮމިޓީ ރިޕޯޓުގައި ފާހަގަ ކުރި ބައެއް ކަންތައް:

  • ކޮމިޝަންގެ ރައީސް ޝަހީބު ގާނޫނާ ހިލާފަށް މައްސަލަތައް ކޮމިޝަންގެ ބައްދަލުވުންތަކުގައި އެޖެންޑާކުރުން.

  • ގާނޫނު އަސާސީއާއި ގާނޫނު ކަށަވަރުވެފައިވާ އަސާސީ ހައްގުތައް ނިގުޅައިގަނެވޭ ގޮތަށް ކޮމިޝަންގެ ނިންމުންތައް ނިންމެވުމުގެ ފުރުސަތު ޝަހީބު ދެއްވި ކަން ހާމަވުން.
  • ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން މުސާރަ ނަންގަވައިގެން ރަސްމީ މަސައްކަތަށް ނުނުކުންވާތާ އެތަށް ދުވަސްވީއިރުވެސް، ކޮމިޝަންގެ މެމްބަރުންގެ ފަރާތުން އެކަން ކޮމިޝަންގެ ރައީސްގެ ސަމާލުކަމަށް ގެނައުމުންވެސް، ކޮމިޝަންގެ މެމްބަރުކަމުން ސޮފްވާން އިސްތިއުފާ ދެއްވުމާ ހަމައަށް ނައިބު ރައީސަށް ދޭ އެލެވަންސް އޭނާއަށް ދެއްވަމުން ގެންދިޔަކަން.

  • ކޮމިޝަންގެ ނައިބު ރައީސް ޒައިނާ އިންސާފުންވެރިކަމާއި ހަމަހަމަކަމުގެ އުސޫލުތަކާ ހިލާފަށް ވަކި ފަރާތަކަށް ބުރަވެ ކޮމިޝަނަށް މައްސަލަ ހުށަހެޅުން.

  • ކޮމިޝަންގެ ނައިބު ރައީސް ޒައިނާ ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ އޭނާގެ މުސްތަގިއްލުކަމާ މެދު ސުވާލު އުފެދޭ ކެމެއްކަން.
  • ކޮމިޝަންގެ މެމްބަރުން ވަކި ޓީވީ ސްޓޭޝަނަކާ މެދު ފިޔަވަޅު އެޅުމުގައި ތަފާތުކުރުން ގެންގުޅުން.
  • ކޮމިޝަންގެ ރައީސް ފިޔަވާ އެހެން މެމްބަރުން ޕާޓް ޓައިމް ވަޒީފާއެއްގެ ގޮތުގައި މެމްބަރު ކަން ކުރެއްވުން. އަދި އެކަން ކުރައްވަނީ ކޮމިޝަންގެ ޖަލްސާއިން އެކަން ނިންމައިގެންކަން.
  • ކޮމިޝަންގެ މެމްބަރުން ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިފައިވާކަން.


ސަބް ކޮމިޓީގެ ރިޕޯޓު މިއަދުގެ ބައްދަލުވުމުގައި އިއްވުމަށްފަހު، ވާހަކަ ދެއްކެވި ހުރިހާ މެމްބަރުވެސް ކޮމިޝަންގެ ވާޖިބުތަކާ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންވެސް ވިދާޅުވިއެވެ.

މިއަދު ކޮމިޓީގައި ކޮމިޝަންގެ ހުރިހާ މެމްބަރުން ވަކި ކުރުމާމެދު ހިޔާލު ތަފާތުވުންތަކެއް އައެއެވެ. ފުރަތަމަ ކޮމިޓީން ނިންމީ ޗުއްޓީގައި ހުންނެވި ޒައިނާ ޒާހިރު ފިޔަވާ ހުރިހާ މެމްބަރުން ވަކި ކުރުމަށެވެ. ބިލެއްދޫ ދާއިރާ މެމްބަރު މުހައްމަދު ހަލީމް ހުށަހެޅުއްވި އެ ހުށަހެޅުއްވުމަށް ހަ މެމްބަރަކު ތާއީދު ކުރެއްވި އެވެ. ނަމަވެސް ފަހުން އެހުށަހެޅުއްވުމާ އެއްކޮޅަށް ވޯޓު ދެއްވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ވޯޓު ނުދެއްވާކަމަށް ވިދާޅުވުމުން މުގައްރިރު ނިންމެވީ އަލުން ވޯޓަށް އެހުމަށެވެ.

އަސްރު ނަމާދު ބަންގިއަށް ފަހު ކޮމިޓީ ފެށިއިރު، ހުރިހާ މެމްބަރުންވެސް އިއްތިފާގުވީ، ކޮމިޝަންގެ ރައީސްއާއި ނައިބު ރައީސް ވަކިކުރުމަށް ފެންނަ ކަމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމެވުމަށެވެ.

ނިމިދިޔަ ފަސް އަހަރުގައި ބްރޯޑްކޮމް އިން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް އެކޮމިޝަނަށް ވަދެފައިވާ ކަަމަށް ގިނަ ރައްޔިތުންތަކެއް ތުހުމަތު ކުރެއެވެ.