ބެއިޖިންގް (ޖުލައި 24) : މިނިވަންކަން އިއްލާން ކުރުމުގެ އެއްވެސް ހަރަކާތެއް ނުހިނގުމަށް ޗައިނާއިން ޓައިވާނަށް އިންޒާރު ކޮށްފި އެވެ.

ޗައިނާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓައިވާނަކީ ޗައިނާގެ ޖަޒީރާއެއް ކަމަށާއި މިނިވަންކަން އިއްލާންކޮށް މުސްތަގިއްލު ދައުލަތެއް އިޢްލާންކޮށްފި ނަމަ އެއީ ރަތްރޮނގު ހުރަސްކުރުން ކަމަށާއި އެ ހިސާބުން ބާރުގެ ބޭނުންކޮށްގެން ޗައިނާގެ ކޮންޓްރޯލްގެ ދަށަށް ޓައިޥާން ގެންނާނެކަމުގަ އެވެ. މިއީ ޗައިނާއިން ޓައިވާނަށް ދޭ އައު އިންޒާރެއް ނޫނެވެ. ޗައިނާ އިން އަބަދު ވެސް ދޭ އިންޒާރެކެވެ.

މި ފަހަރު މި އިންޒާރު ދިނީ އެމެރިކާ އިން ގިނަ އަދަދަދެއްގެ ހަތިޔާރު ހޯދަން ޓައިވާނުން މަސައްކަތްކުރާތީ އެވެ. ޓައިވާނުން ގެންދަނީ 1.8 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު އެމެރިކާއިން ގަތުމަށް މަސައްކަތް ކުރަމުންނެވެ. މީގެތެރޭގައި ހިމެނެނީ ޓޭންކާ ދެކޮޅަށް ބޭނުންކުރާ ރޮކެޓާއި ކޮނޑު މަތީގައި ބާއްވައިގެން ފައިޓާޖެޓްތަކަށް ހަމަލާދޭ ބާވަތުގެ ސްޓިންގާ މިސައިލެވެ. މީގެއިތުރުން ޓޭންކާއި ހަނގުރާމައިގާ ބޭނުންކުރާ ބާވަތުގެ ޓްރާންސްޕޯޓް އުޅަނދުތައް ވެސް، އެމެރިކާއިން ގަތުމަށް ޓައިޥާން ބޭނުންޥާ ހަތިޔާރުގެ ތެރޭގައި ހިމެނެ އެވެ.

ޗައިނާއިންވަނީ މިމައްސަލާގައި އެމެރިކާއަށް އިންޒާރު ދީފަ އެވެ. އަދި ޓައިވާނަށް ހަތިޔާރު ވިއްކާ އެމެރިކާގެ ކުންފުނިތައް ޗައިނާގައި ބްލެކް ލިސްޓްކޮށް އެ ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ވެސް ޗައިނާ ސަރުކާރުން ވަނީ ދީފަ އެވެ.

ޓައިވާނަކީ 1949 ވަނަ އަހަރު ޗައިނާއަށް ގެނައި ކޮމިއުނިސްޓް އިންގިލާބާ ގުޅިގެން އޭރު ޗައިނާގެ ޒަޢާމަތުގައި ތިއްބެވި ވެރިން ފިއްލަވައިގެން ދިޔަ ޗައިނާގެ ޖަޒީރާއެކެވެ. ޓައިވާ ޖަޒީރާއަށް ފިއްލަވައި ވަޑައިގެން އެމެރިކާގެ އެހީގައި އޭރުގެ ޗައިނާގެ ވެރިން ޓައިވާންގައި އިއްލާން ކުރެއްވީ ފްރީ ޗައިނާގެ ނަމުގައި ރިޕަބްލިކް އޮފް ޗައިނާ އެވެ. ކޮމިއުނިސްޓް އިންގިލާބަށް ފަހު ބެއިޖިންގްގައި އުފެއްދި ދައުލަތަކީ ކޮމިއުނިސްޓް ޗައިނާ ނުވަތަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއެވެ.

އެތާރީޚުން ފެށިގެން 1972 އަކާ ހަމައަށް އދ.ގެ ސަލާމަތީ މަޖިލީހުގައި ވެސް ޗައިނާ ތަމްޘީލް ކުރީ ޓައިވާނުގައި އުފައްދާފައިވާ ހުޅަނގުގެ ތާއީދު ލިބޭ ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރުންނެވެ. ޓައިވާނުން މަސައްކަތް ކުރީ ބޮޑު ޗައިނާ ކޮންޓްރޯލް ކުރުމަށެވެ. ނަމަވެސް ޓައިވާނަކީ ކުޑަ ޖަޒީރާއަކަށްވެފައި އާބާދީ ކުޑަކަމުން ޓައިވާނަށް އެކަން ވާ ގޮތްނުވުމުން ޓައިވާނުގެ ބަދަލުގައި ކޮމިއުނިސްޓް ޗައިނާއަށް އެމެރިކާ އިއްތިރާފްވީ 1972 ގައެވެ.

މިއިޢްތިރާފާއެކު އެމެރިކާގެ އޭރުގެ ރައީސް ރިޗަޑް އެމް ނިކްސަން ތާރީޚީ ދަތުރުފުޅެއްގައި ބެ1972 ގައި އިޖިންގް އަށް ވަޑައިގެންނެވި އެވެ. އެއަށްފަހު ވެސް ޓައިވާން އެގޮތުގައި އެކަހަރިވެފައި އޮތެވެ. ނަމަވެސް ވަކި ދައުލަތެއްގެ ގޮތުގައި މިނިވަންކަން އިއްލާންކުރަން މަސައްކަތްކޮށްފައެއް ނުވެ އެވެ. އަދި ޗައިނާވަނީ މިނިވަންކަން އިޢްލާންކުރުމަކީ ބަޣާވާތެއްކަމަށާ އެއީ ރަތްރޮނގު ހުރަސްކުރުން ކަމަށް ބުނެ އެ ހާލަތުގައި ބާރުގެ ބޭނުންކޮށްގެން ޗައިނާގެ ކޮންޓްރޯލްގެ ދަށަށް ޓައިޥާން ގެންނާނެކަމުގެ އިންޒާރު އޭރު ވެސް ދީފަ އެވެ.

ޓައިވާނާ މިހާރު ގުޅުންތައް ބާއްވަނީ ދުނިޔޭގައި އެންމެ 12 ވަރަކަށް ގައުމަކުންނެވެ. އޭގެތެރޭގައި ހިމެނެނީ އެފްރިކާގެ ފަގިރު ބައެއް ގައުމުތަކާއި ލެޓިން އެމެރިކާގެ ފަގީރު ބައެއް ގައުމުތަކެވެ. މި 12 ގައުމުން ވެސް ޓައިވާނާ ގުޅުންތައް ދަމަހައްޓަނީ ޓައިވާނުން އެގައުމުތަކަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދޭތީ އެވެ. ޓައިވާނުން މިނިވަންކަން އިއްލާން ނުކުރިނަމަވެސް އެގައުމުގައި އޮންނަނީ ހުޅަނގުގެ ސްޓައިލްގެ ލެބެރަލް ޑިމޮކްރެޓިކް ނިޒާމެކެވެ. ޗައިނާގައި އޮންނަ ބާވަތުގެ ވެރިކަމުގެ ނިޒާމެއް ނޫނެވެ.

ޗައިނާދެކެނީ ޓައިވާނަކީ ވެރިކަމުގެ އެހެން ނިޒާމެއް އޮންނަ ޗައިނާގެ ބާޣީ ސަރަހައްދެއްގެ ގޮތުގަ އެވެ. ޗައިނާގައި ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީދެނީ އެއީ ދެނިޒާމު އޮންނަ އެއްގައުމުގެ ގޮތުގަ އެވެ. ޗައިނާގެ ސަރަހައްދެއް ކަމަށްވާ ހޮންގްކޮންގް އަކީ ވެސް ޗައިނާއާ ތަފާތު ވެރިކަމުގެ ނިޒާމެއް އޮންނަ ތަނެކެވެ. (ނޫސްއެޖެންސީތައް)