24 Jul 2019, 14:51
ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ނިންމި ގޮތަށް މަޖިލީހުން ފާސްކޮށްފި އެވެ.
އެ ބިލަށް ކޮމިޓީ އިން އިސްލާހު ހުށަހަޅައިފައި ވަނީ ޗާންސެލަރު އަދި ވައިސް ޗާންސެލަރުގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ކަމަށް ބިލުގައި އޮތް ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ރައީސް އަށް ފެނިވަޑައިގެންފި ނަމަ، އެ މަގާމުން ވަކި ކުރަން އެ މާއްދާއިން ހުރަސް ނާޅާ ކަމަށެވެ.
އޭގެ އިތުރުން ވެސް ކޮމިޓީ އިން ވަނީ ބިލަށް އިސްލާހެއް ގެނެސްފަ އެވެ. އެ އިސްލާހު ވެސް މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.
ކޮމިޓީން ނިންމި ގޮތަށް ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލް މަޖިލީހުން ފާސްކޮށްފައި ވަނީ 65 މެމްބަރުންގެ ވޯޓާ އެކު އެވެ. ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.
ސަރުކާރުގެ ފަރާތުން ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅީ، މަޑަވެލި ދާއިރާ މެމްބަރު ހުސައިން ފިރުޝާންއެވެ.
ފިރުޝާން ހުށަހެޅުއްވި މައިގަނޑު އިސްލާހުތައް:
- ޔުނިވާސިޓީ ކައުންސިލުގެ 13 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރުންނަކީ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެމްބަރުން ކަމަށް އޮތް އޮތުން ބަދަލު ކުރުން.
- ކައުންސިލު އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުތައް ނަގައި، އެ ބާރުތަށް ކައުންސިލަށް ދިނުން.
- ޔުނިވާސިޓީ ކައުންސިލަކީ މިނިވަންކޮށް އެކުލަވާލާ ކައުންސިލަކަށް ހެދުން.
- ޑެޕިއުޓީ ވައިސް ޗާންސެލާ އައްޔަނުކުރުމުގެ ބާރު ކައުންސިލަށް ދިނުން.
- ކައުންސިލުގެ މެމްބަރުންގެ އަދަދު 13 އިން 18 އަށް އިތުރު ކުރުން.
- ކައުންސިލުގެ ބެލެންސް ހިފެހެއްޓުމަށް ކައުންސިލުގައި ހިމެނޭ ޔުނިވާސިޓީން ބޭރުން އަށް މެމްބަރުންނާ އެއްވަރަށް ޔުނިވާސިޓީ ތެރެއިން ވެސް އަށް މެމްބަރުން އިތުރުކުރުން.
- ކައުންސިލުގައި ޔުނިވާސިޓީގެ ހުރިހާ ގިންތިތަކެއް ތަމްސީލުވާ ގޮތަށް ބެލެންސް ހިފެހެއްޓުން.
- ބޭރުން އައްޔަނުކުރާ މެމްބަރުން އައްޔަނުކުރުމަށް ބޭނުންވާ ނޮމިނޭޝަން ކޮމިޓީއާ ބެހޭ މާއްދާތައް އަލުން އިތުރުކުރުން.
- ޔުނިވާސިޓީގެ އަހަރީ ރިޕޯޓު ހުށަހަޅަން ޖެހޭ މުއްދަތު ފަސްކުރުން.