ދެ ވަނަ ފުރުސަތުގެ ދަށުން މިނިވަންކޮށްފައިވާ މ. ޝާމިލްއާބާދު އަބްދުﷲ ވަހީދު މަސްތުވާތަކެތީގެ މައްސަލައެއްގައި މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މ. ޝާމިލްއާބާދު އަބްދުﷲ ވަހީދު،42، މިއަދު ފުލުހުންގެ ބެލުމުގެދަށް ގެންދެވިފައިވާ ކަމަށެވެ. އަދި އޭނާ މިއަދު ހައްޔަރުކުރީ އޭނާގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"އޭނަގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި ކަމަށް ފުލުހުންނަށް ތުހުމަތުކުރެވޭތީ އޭނާ މިއަދު ހައްޔަރުކުރީ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާއަކީ ދެ ވަނަ ފުރުސަތުގެ ދަށުން މިނިވަންކޮށްފައިވާ މީހެއް ކަމަށް ދެ ވަނަ ފުރުސަތުގެ އޮފީހުން މިއަދު ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ސަން އަށް މައުލޫމާތު ދެމުން މަންޒަރުދުށް މީހަކު ބުނީ މިއަދު ހެނދުނު 19:15 އެހާކަންހާއިރު ވަހީދު ދިރިއުޅޭ ގޯތިތެރޭގައި ހުރެފައި މަސްތުވާތަކެތި އަޅާފައި ހުރި ރަބަރު ޕެކެޓެއް ގޯތިން ބޭރަށް އެއްލާލި ކަމަށެވެ. އަދި އެޕެކަޓު އެއްލާލުމުން ގޮސްޖެހުނީ އެގޭކައިރީގައި ހުރި ގޯޅިގަނޑެއްގެ ތެރޭގައި ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ އެމީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ވަރަށް ގިނަފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެއް ކަމަށް މަންޒަރުދުށް މީހާ ސަން އަށް ކިޔައިދިނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ މިހާރު ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އަދި އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.