މަސްވެރިކަމާ ބެހޭ ދެ ގަރާރެއް ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

މި މަސްތެރޭ މިހާތަނަށް ސަރުކާރުގެ ފަރާތުން މަސްވެރިކަމާ ބެހޭ ފަސް ގަރާރެއް ހުށަހެޅިއެވެ. އެ ފަސް ގަރާރަކީވެސް، މި ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުތަކެވެ. މަސްވެރިކަމާ ގުޅޭ އާ ގާނޫނުތައް ހަދާއިރު އަދި މިހާރު ހުރި ގާނޫނުތައް އިސްލާހުކުރެވިގެން އަންނަ އިރު އެ ފަސް ގަރާރަށް ރިއާޔަތް ކުރެވޭނެ ކަމަށް ބެލެވެއެވެ.

ފަސް ގަރާރުގެ ތެރެއިން މިއަދު ވޯޓަށް އެހީ، ދެ ގަރާރަކަށެވެ.

އެގޮތުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު ހުށަހެޅުއްވި، ބޭރުގެ މަސްބޯޓުތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމަށް ހުއްދަ ކުރާ ގަަރާރު ބަލައިގަތީ 68 މެމްބަރުންގެ ވޯޓުންނެވެ. ގަރާރު ބަލައިނުގަތުމަށް ވޯޓު ދިނީ ދެ މެމްބަރެކެވެ.

ސަރުކާރުގެ މެމްބަރުން އެ ގަރާރަށް ތާއީދު ކުރި ނަމަވެސް އިދިކޮޅު މެމްބަރުންގެ ކަންބޮޑުވުމަކީ، އެގޮތަށް މަސް ގަތުމަށް ވަންނަ ބޯޓުތައް ދާ އަޅާގައިގެން ރާއްޖޭގެ މަސް ކަނޑުތަކުގައި މަސްވެރިކަން ކޮށްފާނެތީއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ އުޅަނދުތައް ޓްރެކު ނުކުރެވޭ އިރު، އެގޮތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭރުގެ ބޯޓުތަކަށް ހުޅުވައިފިނަމަ މަސްވެރިކަމަށް އަސަރުކުރާނެ އެ މެމްބަރުން ދެކެއެވެ. ނަމަވެސް ބިލަށް ތާއީދުކުރައްވާ މެމްބަރުން ވިދާޅުވަނީ، ސިޔާސަތު ތަންފީޒު ކުރަން ފެށޭއިރު އެ ހުރިހާ ކަމަކަށް ރިއާޔަތް ކުރެވޭނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ދެން ވޯޓަށް އެހީ، ތޮއްޑޫ ދާއިރާ މެންބަރު ޙަސަން ޝިޔާން ހުށަހެޅުއްވި، ރަށު ކައުންސިލު އަދި އަމިއްލަ ފަރާތްތަކާ ގުޅިގެން ރަށްރަށުގައި ގޭދޮށު މަސް ފެކްޓަރީ ގާއިމުކުރުމަށް ގޮވާލާ ގަރާރެވެ، އެ ގަރާރު ބަލައިގަތީ 68 މެމްބަރުންގެ ވޯޓުންނެވެ.

ޝީޔާން ހުށަހެޅި ގަރާރުގައި ގޮވާލާފައި ވަނީ ހަތަރު ކަމެއް ކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކަށާއި ރައީސްއަށް އިލްތިމާސް ކުރުމަށެވެ.

އެ ހަތަރު ކަމަކީ:

  1. ގޭދޮށު މަސްފެކްޓަރީތަކަށް ބޭނުންވާނެ މެޝިނަރީ، ޓެކްނޮލޮޖީ، އަދި އިކުއިޕްމެންޓު ކަނޑައެޅުން
  2. ގޭދޮށު މަސްފެކްޓަރީތަކަށް ބިން ދޫކުރެވޭނެ އުސޫލުތައް ކަނޑައެޅުން
  3. ގޭދޮށު މަސްފެކްޓަރީ ހިންގުމުގައި ރަށު ނުވަތަ ސިޓީ ކައުންސިލުތައް ބައިވެރިވެވޭނެ ގޮތް ކަނޑައެޅުން
  4. ދިވެހި މަސްވެރިންގެ އަތުން މަސް ގަނެ ޕްރޮސެސް ކުރާނެ ގޭދޮށު މަސް ޕްލާންޓުތައް ގާއިމުކުރުމަށް ހުޅުވާލުން

ޝިޔާނުގެ އެ ގަރާރަށް މެމްބަރުން ބަހުސް ކުރެއްވި އިރު، ޖުމްލަ ހުރިހާ މެމްބަރުންވެސް އެ ގާރާރާ އެއްކޮޅަށް ވާހަކަ ދެއްކެވިއެވެ.

މަޖިލީހަށް ހުށަހަޅާފައިވާ މަސްވެރިކަމާ ބޭހޭ އިތުރު ގަރާރުތައް:

  1. ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް އަބްދުލްހަކީމު ހުށަހަޅުއްވި، އިންޑިއާ ކަނޑުގައި ބޮޑުދާއެޅުން ހުއްޓުވައި ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ގޮވާލާ ގަރާރު.
  2. މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވި، ދިވެހިން މަސްވެރިކަންކުރާ ސަރަހައްދުތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމް ގާއިމުކުރުމާ ގުޅޭ ގަރާރު.
  3. ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ހުށަހަޅުއްވި، ބޭރުގެ މަސް ބޯޓުފަހަރު ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަންކުރުން ހުއްޓުވުމާ ގުޅޭ ގަރާރު.

އޭގެ ތެރެއިން ބޭރުގެ މަސްބޯޓުފަހަރު ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަންކުރުން ހުއްޓުވުމާ ގުޅޭ ގަރާރު މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. މިއަދު ފާސްވި ދެ ގަރާރާއެކު މަސްވެރުކަމާ ގުޅޭ ތިން ގަރާރު މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.