މޮރިޝަސްގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ 200 މީޓަރު ދުވުމުގެ ފައިނަލަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ދަތުރުކޮށްފިއެވެ.

މޮރިޝަސްގެ އެކި ހިސާބުތަކުގައި މިހާރު އައިއޯއައިޖީގެ ގޭމްސްތައް ފޯރިއާއެކު ކުރިއަށް ދާ އިރު މިއަދު އޮތް 200 މީޓަރު ދުވުމުން ސާއިދު ފައިނަލުން ޖާގަ ހޯދީ މިއަދު ހެނދުނު އޮތް ހީޓުން ތިންވަނަ ހޯދަައިގެންނެވެ. ސާއިދު ވަނީ މިފަހަރުގެ ގޭމްސްގެ 100 މީޓަރު ދުވުމުން ވެސް ފައިނަލަށް ދަތުރު ކޮށްފައެވެ. ނަމަވެސް 2015 ވަނަ އަހަރުގެ އެ އިވެންޓުން ރަން މެޑަލް ހޯދި ސާއިދުއަށް މިފަހަރުގެ 100 މީޓަރު ފައިނަލުގެ ރޭހުން ލިބުނީ ހަތަރު ވަނައެވެ.

އައިއޯއައިޖީގެ 200 މީޓަރު ދުވުމުގައި މިއަދު ސާއިދު ދުވަނީ --- ފޮޓޯ// އެމްއޯސީ

މިއަދު ހެނދުނު އޮތް ހީޓުގައި ދުވެ ސާއިދު ރޭސް ނިންމީ 22.28 ސިކުންތުންނެވެ. އޭނާއާއި ޖެހިގެން މި ހީޓުގެ ދެވަނަ ހޯދީ ސީޝެލްސްގެ ދުވުންތެރިއެކެވެ. އޭނާ ރޭސް ނިންމީ 22.20 ސިކުންތުންނެވެ. މި ރޭހުގެ އެއްވަނަ ހޯދީ މޮރިޝަސްގެ ދުވުންތެރިއެކެވެ. އޭނާ ރޭސް ނިންމީ 22.01 ސިކުންތުންނެވެ.

ސާއިދު ވަނީ މީގެ ކުރީ ފަހަރުގެ ގޭމްސްގައި މި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފައެވެ. ސާއިދު އެފަހަރު 100 މީޓަރު ދުވުމުން ހޯދި ރަން މެޑައްޔަކީ ބައިނަލްއަގުވާމީ ބޮޑު މުބާރާތަކުން ރާއްޖޭގެ ކުޅިވަރުގައި މިހާތަނަށް މަލްޓި ސްޕޯޓްސް ގޭމްސްއެއްގެ އިންޑިވިޖުއަލް ކެޓަގަރީން ލިބުނު ހަމައެކަނި ރަން މެޑެލެވެ.

މި ފަހަރުގެ ގޭމްސްގައި ރާއްޖެއިން ވަނީ މިހާތަނަށް ފަސް މެޑަލް ހޯދައިފައެވެ. އެގޮތުން ގައުމީ އަންހެން ޓީޓީ ޓީމުން މުބާރާތް ބާއްވާ ގައުމު މޮރިޝަސް ބަލިކޮށް ރަން މެޑަލް ވަނީ ހޯދާފައެވެ. އަދި ގައުމީ ފިރިހެން އަދި އަންހެން ބެޑްމިންޓަން ޓީމުން ލޯ މެޑަލް ހޯދި އިރު ބީޗް ވޮލީ ޓީމުން ވަނީ ރިހި މެޑަލް ހޯދައިފައެވެ. މީގެ އިތުރުން ޕެރަ އޮލިމްޕިކްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ މުހައްމަދު މާޒިން ވަނީ ލޯ މެޑަލް ހޯދައިފައެވެ.

މިއަދު އޮންނަ 200 މީޓަރުގެ ފައިނަލްގައި ސާއިދު ދުވާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 06:10 ގައެވެ.