24 Jul 2019, 13:30
ރާއްޖޭގައި ލޮލުގެ ފަރުވާގެ ހިދުމަތް ފުޅާކުރުމަށް ޗައިނާ އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ރާއްޖޭގެ ހެލްތު މިނިސްޓްރީ އާއި ޗައިނާގެ ނޭޝަނަލް ހެލްތު އެންޑް ފެމިލީ ޕްލޭނިންގް ކޮމިޝަނާއި ދެމެދު މިއަދު ސޮއިކުރެވުނު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒޭންގް ލިޒޯންގެވެ.
މި އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުގެ އެހީގައި ލޮލުގެ ފަރުވާދޭ ކްލިނިކް ގާއިމް ކުރާނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. އެ ހިދުމަތް ދިނުމަށް ލޮލުގެ ބަލިތަކަށް ފަރުވާދިނުމަށް އާ ހިދުމަތްތައް ތައާރަފުކޮށް އާދައިގެ ސާޖަރީތަކުން ފެށިގެން ލޮލުގެ ހާއްސަ ސާޖަރީތައް ހެދޭ ފެންވަރަށް ތަރައްގީ ކުރާނެއެވެ.
އެއްބަސްވުމުގެ ދަށުން ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ލޮލުގެ ފަރުވާއާއި ގުޅޭ އާލާތްތައް ޗައިނާ ސަރުކާރުގެ ފަރާތުން ދޭނެ އެވެ. އަދި ޗައިނާގެ ލޮލުގެ ހާއްސަ ޑޮކްޓަރުން ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެއްވާނެއެވެ. މީގެ އިތުރުން، ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ ތަމްރީންތައް ޗައިނާގައި ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޗައިނާ ސަރުކާރުގެ އެހީގައި 2015 ވަނަ އަހަރު އަދި 2017 ވަނަ އަހަރުވެސް ވަނީ ލޮލުގެ ހާއްސަ ކޭމްޕްތަކެއް ރާއްޖޭގައި ކުރިއަށްގެންގޮސްފައެވެ. މި ކޭމްޕްތަކުގައި ޖުމްލަ 1000 އަށް ވުރެގިނަ މީހުން ސްކްރީންކޮށް 186 މީހުންގެ ކެޓަރެކްޓް ސާޖަރީ ވަނީ ހަދާފައެވެ. އަދި 9.2 މިލިއަން ރުފިޔާގެ ލޮލުގެ ފަރުވާއާއި ގުޅޭ އާލާތްތައް ޗައިނާ ސަރުކާރުން ވަނީ ހަދިޔާ ކޮށްފައެވެ.
ރާއްޖޭގައި ލޮލުގެ ހާއްސަ ފަރުވާދޭ މަރުކަޒެއް ގާއިމް ކުރުމަކީ ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ގޮތުން ޗައިނާ ސަރުކާރާއި އެކު 2017 ގައި ސޮއި ކުރެވިފައިވާ އެއްބަސްވުމުގައި ފާހަގަ ކުރެވިފައިވާ މައިގަނޑު އެއް ދާއިރާއެވެ.