ފުވައްމުލަކަށް ފުރަތަމަ ފަހަރަށް މިއަދު ބޯޓް ޖައްސައިފި އެވެ.

މިއަދު މެންދުރު ފަހު 3:35ގައި ފުވައްމުލަކަށް ޖެއްސީ ޑޭޝް8 Q2 620 މަރުކާގެ 37 މީހުންގެ ޖާގައިގެ ބޯޓެކެވެ.

ފުވައްމުލަކު ރަންވޭ އަށް ފްލައިޓް ޖެއްސި މަންޒަރު ބެލުމަށް، އެ ރަށު ގިނަ ރައްޔިތުން އެއްވެފައިވާ އިރު، ސަރުކާރުގެ ބައެއް އިސްވެރިން ވެސް އެސަރަހައްދުގައި ތިއްބެވެ.

ފުވައްމުލަކަށް ދެންމެ ޖެއްސީ ޓެސްޓް ފްލައިޓެކެވެ. އެއާޕޯޓަށް ރަސްމީކޮށް ދަތުރުތައް ފެށުމުގެ ކުރިން ރަންވޭ ޓެސްޓްކުރުމަށް ބާއްވާ ޓެސްޓް ފްލައިޓްގައި ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އައިލެންޑް އޭވިއޭޝަނުން ބަލަން ޖެހޭ ކަންތައްތައް ބަލާނެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އަދި ފުވައްމުލަކު އެއަޕޯޓަށް ދަތުރުތައް ފެށުމަށް ހުއްދަ ދިނުމާ މެދު ސިވިލްއޭވިއޭޝަން އޮތޯރިޓީން ގޮތެއް ނިއްމާނީ މި ދަތުރަށް ފަހު ކަމަށް މައުލޫމާތު ލިބެ އެވެ.

ފުވައްމުލަކު އެއާޕޯޓަކީ 30 މީޓަރު ފުޅާ، 1200 މީޓަރު ދިގުމިނުގެ ރަންވޭއަކާ އެކު ހަދާ އެއާޕޯޓެކެވެ. ޓެސްޓް ފްލައިޓް ޖައްސާފައި ވަނީ 1200 މީޓަރު ދިގު، 24 މީޓަރު ފުޅާ މިނުގައި ރަންވޭގެ މަސައްކަތް ނިއްމުމަށްފަހު އެވެ.