ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސ. ހިތަދޫ ސިލްވަލީފް ނޫރުޒާދާ އަލީގެ 10 މަހުގެ ދަރިފުޅު މުހައްމަދު ނާފިއު މަރާލި ކަމަށް ބުނެ މ. ގޯލްވިޗް މުހައްމަދު ވަހީދުގެ މައްޗަށް ދައުލަތުން ދައުވާކުރި މައްސަލައިގެ ޝަރީއަތް ހަތަރު ވަނަ ފަހަރަށް މިއަދު ކެންސަލްކޮށްފި އެވެ. މިއަދު މެންދުރު ފަހު ބާއްވަން ތާވަލްކޮށްފައިވާ މަރުގެ މައްސަލާގެ ޝަރީއަތް ކެންސަލް ކުރީ މައްސަލަ ބައްލަވާ ގާޒީ ޗުއްޓީގައި ހުންނެވުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

ނޫރުޒަލްދާގެ ދަރިފުޅު މަރާލި ކަމަށް ބުނެ ވަހީދު ހައްޔަރުކޮށްފައި ވަނީ ޖޫން 11، 2009ގަ އެވެ. މައްސަލަ ނުނިމި ފުލުހުންގެ ބަންދުގައި ވަހީދު ހުންނަތާ މިހާރު ދެ އަހަރާއި ފަސް މަސް ވެއްޖެ އެވެ. ވަހީދު މަރާލި ކަމަށް ބުނާ ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓްގައިވާ ގޮތުން އެ ކުއްޖާ މަރުވިއިރު ކަރުދަށުގައި ނިޔަފަތި އަޅާފައިވުމާއި އަދި ފުރަގަސްފަރާތް ހަލާކޮށްލާފައިވާ ކަން އިނގެ އެވެ. އަދި 10 މަހުގެ ކުއްޖާ މަރުވެފައިވާ ކަމަށް މެޑިކޯ ލީގަލް ރިޕޯޓްގައި ވަނީ، އެ ކުއްޖާގެ މޭމަތީގައި ހިފާ ތަޅުވާފައިވުމުނެވެ. އަދި އެ ގޮތަށް ތެޅުވުމުން ނޭވާ ނުލެވިގެން ނާފިއު މަރުވީ ކަމަށެވެ.

އެ ކުއްޖާ އަށް އެފަދަ ގެއްލުންތަކެއް ލިބިފައިވާއިރު ވެސް، އޭނާގެ މަންމަ ނޫރުޒަލްދާ ދަރިފުޅާމެދު އިހްމާލުވެފައިވާ ކަމަށް ބުނެ އެޕްރީލް 6، 2011ގައި ހަ މަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެ އެވެ.

ނޫރުޒަލްދާގެ މައްޗަށް ހުކުމް އިއްވި ދުވަހު ވަހީދުގެ މައްޗަށް ވެސް ހުކުމް ކުރަން ކޯޓުން ނިންމި އެވެ. ނަމަވެސް ޝަރީއަތަށް ސާފުކުރަން ޖެހޭ ކަންތަތަކެއް ހުރުމުން އެ ދުވަހު ވަހީދުގެ މައްޗަކަށް ހުކުމެއް ނުކުރެ އެވެ. ކުއްޖާ މަރާލި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ތަހުގީގުގައި އެއްވެސް ވީޑިއޯއެއް ނުވަތަ އޯޑިއޯއެއް ބޭނުންކޮށްފައިވާ ނަމަ ޝަރިއަތަށް އެ ހެކިތަށް ހުށަހެޅުމަށެވެ.