24 Jul 2019, 09:33
އޮފީސް ބައްދަލުވުމެއްގައި އިންދައި ނިދި އައުން ނޫނީ ތާއްޔާ ޖެހުމަކީ އޭގެ ސަބަބުން ވަރަށް ލަދު ގަންނަން ޖެހިދާނެ ހާލަތެއް ދިމާވެދާނެ ކަމެކެވެ. އަދި އޭގެ ސަބަބުން އިސް ވެރިންގެ ނުރުހުމާއި، އެކުގައި މަސައްކަތް ކުރާ މީހުންގެ މަލާމާތް އަމާޒުވެދާނެ ކަމެކެވެ. ވީމާ އެފަދަ ބައްދަލުވުންތަކުގައި ނިދި އައުން ހުއްޓުވޭނީ ކިހިނެއް ހެއްޔެވެ؟ އަދި އެހެން މުވައްޒަފުން ނިދި ނާންނާނެ ގޮތަކަށް މީޓިން ރާވާ ލެވޭނީ ކިހިނެއް ހެއްޔެވެ؟
1. މީޓިން ބާއްވަން ރަނގަޅު ގަޑިއެއް ހޯދުން
އެމެރިކާގެ މީޓިން ކޯޗިން ކޮމްޕެނީއެއް ކަމަށްވާ ލުސިޑް މީޓީންސްގެ ބާނީ އެލިސް ކީތު ވިދާޅުވި ގޮތުގައި އެކި ބޭނުންތަކަށް ބައްދަލުވުންތައް ބާއްވަން އެންމެ ރަނގަޅު ވާނީ އެކި ގަޑިތަކުގަ އެވެ.
އެގޮތުން އޮފީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ދިނުމާއި އިންޓަވިއުތައް ބޭއްވުން އެންމެ ރަނގަޅު ވާނީ ހެނދުނު ގަޑީގަ އެވެ. އެއީ ތަފާތު މައުލޫމާތު ނަގައިގަންނަން އެންމެ ފަސޭހަ ގަޑިއަކަށް ވާނީ ހެނދުނު ކަމަށްވާތީ އެވެ. އަދި މުވައްޒަފުންގެ ފަރާތުން ތަފާތު ހިޔާލު ހޯދާ، 'ބްރެއިންސްޓޯމް' ކުރުމަށް އެންމެ ރަނގަޅު ގަޑިއަކީ ދުވަހުގެ ފަހުކޮޅެވެ. ނަމަވެސް މެންދުރު ކެއުމަށް ފަހު އަންނަ އެންމެ ވަރުބަލި ވަގުތުގައި މީޓިން ނުބޭއްވުމަށް އިސްކަން ދިނުމަކީ މުހިއްމު ކަމެކެވެ.
މީގެ އިތުރުން އިނގިރޭސި ވޯކްޕްލޭސް ކަލްޗާ އެކްސްޕާޓެއް ކަމަށްވާ ޖޫޑީ ޖޭމްސް ވިދާޅުވާ ގޮތުގައި މީޓިން ފެށޭ ގަޑިއަށް ވުރެ، މީޓިން ނިމޭ ގަޑި ސާފުކޮށް ބުނެދިނުން މާ މުހިއްމު ވާނެ އެވެ. ސަބަބަކީ އާއްމު ގޮތެއްގައި އެފަދަ ބައްދަލުވުންތަކުގައި މީހުން ނިދި އަންނަނީ ވަރުބަލި ވުމަށް ވުރެ ފޫހިވުމުގެ ސަބަބުންނެވެ.
2. މީޓިން ބާއްވަން ރަނގަޅު ތަނެއް ހޯދުން
ބައެއް މީޓިންތައް ބާއްވަން ޖެހޭނީ ކޮންމެހެން ވެސް މަސައްކަތް ކުރެވޭނެ ތަނެއްގައި ނަމަވެސް އެހެން ފަހަރު ބައްދަލުވުން ބާއްވާ ތަނެއް ބަދަލުކޮށްލުމަކީ ވެސް މުހިއްމު ކަމެކެވެ. އަދި އެއީ މަސައްކަތް ކުރާ މީހުންގެ ފަރާތުން އުފެއްދުންތެރި، އާ ހިޔާލުތައް ފެނިގެންދާނެ ގޮތެކެވެ.
އަދި ބައެއް މާހިރުން ވަނީ އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ތިބެގެން 'ސްޓޭންޑިން މީޓީންތައް' ބޭއްވުމަކީ ވެސް އުފެއްދުންތެރިކަން އިތުރުވާނެ ކަމެއް ކަމަށް ބުނެފަ އެވެ.
3. މީޓިންއަށް ތައްޔާރުވުން
ކޮންމެ ބައްދަލުވުމެއް ބޭއްވުމުގެ ކުރިން ވެސް އެބައްދަލުވުން ކުރިއަށްގެންދާނެ ގޮތް ކަނޑައެޅުމަކީ މުހިއްމު ކަމެކެވެ. އެއީ މީޓިންގައި ބައިވެރިވުމުގެ ޝައުގު އުފެދޭނީ އެމީހެއްގެ މަސައްކަތާ ގުޅުން ހުރި ބައްދަލުވުމަކަށް ވާނެކަން ޔަގީންވުމުން ކަމަށްވާތީ އެވެ.

އޮފީސް ބައްދަލުވުންތަކުގައި ނިދި އަންނަ ނަމަ މަޝްވަރާތަކުގައި ބައިވެރިވެ، ނޯޓްސް ނެގުމަކީ ހޭލާ ހުރުމަށް ކުރެވިދާނެ ކަމެއް -- ފޮޓޯ: ގެޓީ
4. މުޅި ދުވަހު ވެސް ހެލިފެލިވެ އުޅުން
ޖޭމްސް ވިދާޅުވާ ގޮތުގައި މަސައްކަތުގައި އުޅޭ އިރު ކޮންމެ ބައި ގަޑި އިރަކު ތެދުވެލާފައި، ސްޓްރެޗްކޮށްލުމަކީ މީހާ ހޭލައްވާލާ، ގައިގައި ވަރު ޖައްސުވައި ދޭނެ ކަމެކެވެ. އެހެންކަމުން މަސައްކަތުގައި އިންނަ އިރު ނިދި އަންނަ ވަރު ކުޑަ ވާނެ އެވެ.
5. މީޓިން ކުރިއަށްދާ އިރު ކެއުން
މީޓިންއަށް ދިޔުމުގެ ކުރިން ގިނައިން ކެއުމާއި ހޫނު ބުއިންތައް ބޭނުން ކުރުމުން ދުރުހެލި ވުމަށް ޖޭމްސް ވިދާޅުވެ އެވެ.
ނަމަވެސް ބައެއް ބާވަތްތަކުގެ ލުއި ކާނާގެ ސަބަބުން މީޓިންގައި ސަމާލުކަންދޭ މިންވަރު އިތުރުވާނެ ކަމަށް އެލިސް ކީތު ވިދާޅުވި އެވެ. އަދި ބައްދަލުވުމަށް ކާއެއްޗެހި ގެނެސްދިނުމަކީ މުވައްޒަފުންނަށް "އަޅާލާ ކަމުގެ" ހެއްކަކަށް ވާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
6. މަޝްވަރާތަކުގައި ބައިވެރިވުން
ނިދި އައުން ހުއްޓުވޭނެ އެންމެ ފަސޭހާ އެއް ގޮތަކީ ބައްދަލުވުމުގައި މަޝްވަރާތައް ކުރިއަށްދާ އިރު އެކަމުގައި ބައިވެރިވުމެވެ. އަދި އަމިއްލަ ހިޔާލު ފާޅު ނުކުރިޔަސް އެހެން މީހުން ވާހަކަ ދައްކާ އިރު އަޑު އަހާ، ނޯޓު ކުރަމުން ދިޔުމަކީ ވެސް ހޭލާ ހުރެވޭނެ އެއް ގޮތެވެ.
މީގެ އިތުރުން މީޓިންގައި ވާހަކަދައްކާ ފަރާތްތަކުން އެޖެންޑާއާ އެއްގޮތަށް ކުރިއަށް ދިޔުން މުހިއްމު ކަމަށް ވެސް މާހިރުން ވިދާޅުވެ އެވެ.
7. ދެންވެސް ނިދި އަންނަ ނަމަ؟
ޖޭމްސް އާއި ކީތުވެސް ވިދާޅުވާ ގޮތުގައި މާބޮޑަށް ނިދި އަންނަ ނަމަ އެންމެ ރަނގަޅު ގޮތަކީ މީޓިން ދޫކޮށް ދިޔުމެވެ. އެގޮތުން ވާހަކަ ދައްކާ މީހާއަށް އުނދަގޫ ނުވާނެ ގޮތަކަށް ތެދުވުމަށް ފަހު، ބޭރަށް ދިޔުމަށް ހުއްދައަށް އެދި، މާފަށް އެދުމަށް ފަހު ދާން ޖޭމްސް ވިދާޅުވި އެވެ. އަދި ބައްދަލުވުމުގައި އިން އެހެން މީހަކު ނިދޭ ނަމަ، އޭނާއަށް ގޮވާލުމަކީ ރަނގަޅު އާދައެއް ކަމަށް ވެސް އެފަރާތްތަކުން ފާހަގަ ކުރި އެވެ.