އަންނަ ޑިސެމްބަރު 2 ން 11 އަށް އިންޑިޔާގެ ދިއްލީގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް މާދަމާ ފަށާނެ ކަމަށް ޓީމުގެ މެނޭޖަރު އަލީ ވަހީދު (ބަލަކް) ވިދާޅުވެއްޖެ އެވެ.

ބަލަކް ވިދާޅުވީ، ޓީމުގެ ފަރިތަކުރުންތައް ފަށާނީ 30 ކުޅުންތެރިންގެ ސްކޮޑާއެކު، މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ކަމަށެވެ.

"ފުރަތަމަ ޕްރެކްޓިސް އޮތީ މާދަމާ ހަވީރު ގަލޮޅު ދަނޑުގައި. ދެ ވަނަ ޕްރެކްޓިސް އޮންނާނީ ޖެހިގެން އޮންނަ ދުވަހު (ބުދަ ދުވަހު). ދެ ދުވަހުގެ ފަރިތަކުރުމަށް ފަހު ޓީމް މިހާރު އޮތީ ޖަރުމަނަށް ފުރުމަށް ތައްޔާރުވެފައި،" މެނޭޖަރު ބަލްކް ވިދާޅުވި އެވެ.

މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ދިވެހި ޤައުމީ ޓީމް ޖަރުމަނަށް ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. ޤައުމީ ޓީމް ޖަރުމަނަށް ކުރާ ދަތުރުގައި އެ ޤައުމުގެ ހަތަރު ވަނަ ޑިވިޝަނާއި ފަސް ވަނަ ޑިވިޝަނުގެ ކްލަބުތަކާ ދެކޮޅަށް ރަހުމަތްތެރި ކަމުގެ މެޗްތަކެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ޖަރުމަން ޓުއާއަކީ އަވައްޓެރި ސްރީ ލަންކާގައި ހަރަކާތްތެރިވާ ޖަރުމަނުގެ އެންޖީއޯއެއް ކަމަށްވާ އޭޖީއެސްއީޕީ އާ އެކު މި އަހަރުގެ ކުރީކޮޅު އެފްއޭއެމް އިން ވީ އެއްބަސްވުމެއްގެ ދަށުން ހަމަޖައްސައިފައިވާ ދަތުރެއް ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ. އަދި މިދަތުރުގައި ޓީމާ އެކު ޖަރުމަނަށް ދަނީ 22 ކުޅުންތެރިންގެ ސްކޮޑެކެވެ.

ގައުމީ ޓީމު ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުކުރުމަށް އެކުލަވާލައިފައިވާ ޕްލޭންގެ ދަށުން ޖަރުމަން ޓުއާ އަށް ފަހު އަންނަ މަހުގެ 20 ވަނަ ދުވަހާއި 22 ވަނަ ދުވަހު ސްލޮވާކިއާގެ ޑުބްނިސާއާ އެކު މާލޭގައި އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް އެފްއޭއެމް އިން ދަނީ މަސައްކަތްކުރަމުންނެވެ. އަދި އަންނަ މަހުގެ 23 ވަނަ ދުވަހު މެލޭޝިއާ ނުވަތަ ތައިލޭންޑަށް ދަތުރުކޮށް،27 ވަނަ ދުވަހު މާލޭގައި އެކުވެރިކަމުގެ މެޗެއް ކުޅޭ ގޮތަށް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ.

އިންޑިއާގައި ސާފް ޗެމްޕިއަން ޝިޕް ބާއްވާ މިއީ ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރު މި މުބާރާތް ބާއްވާފައި ވަނީ ބަންގްލަދޭޝްގަ އެވެ. އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިކޮށް އިންޑިއާ ވަނީ ތަށި ގެންގޮސްފަ އެވެ. މުބާރަތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް އިންޑިއާ އެވެ. އިންޑިއާ ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އިރު، ދިވެހިރާއްޖެ، ސްރީލަންކާ އަދި ބަންގްލަދޭޝް ވަނީ އެއްފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ.

ދެ އަހަރުން އެއް އަހަރު ބާއްވާ މުބަރާތުގައި ވާދަކުރާ ޓީމުތަކަކީ އަފްގާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ އެވެ.

މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޤައުމީ ޓީމް އިންޑިއާއަށް ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 29 ވަނަ ދުވަހު އެވެ.