ވެސްޓާން ޔޫނިއަން ކައިރިން ރޭ ހިނގި ފޭރުމުގައި ފައިސާ ހުރި ފޮށި ބެހެއްޓުމަށްފަހު ފޭރިގެންފައި ވަނީ ގެންގޮސްފައިވަނީ ހުސް ފޮއްޓެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ޗާންދަނީ މަގު ވެސްޓަން ޔޫނިއަން 20،000 އާއި 30،000 ދެމެދުގެ ޑޮލަރު ހުރި ފޮއްޓެއް ފޭރުނު ކަމަށް ރޭ އެތަނުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ފުލުހުން އެ ސަރަހައްދަށް ގޮސް ބެލި ބެލިމުންނާއި މިހާތަނަށް ކޮށްފައިވާ ތަހުގީގުން ފޭރިގަތް ފޮށީގައި އެއްވެސް އަދަދަކަށް ފައިސާ ނެތް ކަމަށާއި ވަގުން ފޭރިގަނެފައި ވަނީ ހުސްފޮއްޓެއް ކަމަށް ފުލުހުން މިރޭ ވަނީ ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އެ ސަރަހައްދައް ދިޔައިރު ފޭރުނު ކަމުގެ ތުހުމަތުގައި މީހަކާ މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފޭރުނު މައްސަލަ އާއި މާރާމާރީ ހިންގި މައްސަލަ ފުލުހުން އަންނަނީ ތަހްގީގް ކުރަމުންނެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ވެސް ވެސްޓާން ޔޫނިއަން އިން ވަނީ ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަނެފަ އެވެ. އެގޮތުން މަޖީދީ މަގު ހެންވޭރު ދަނޑުކައިރީގައި ހުންނަ ވެސްޓާން ޔޫނިއަން އަށް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ އެ ތަނުގައި ތިބި މުވައްޒަފުން ބަނދެ ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ފޭރިގަނެފަ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ހިނގި އެ ހާދިސާގައި ފުލުހުން އޭރު ބުނެފައިވަނީ ފޭރުނު ފައިސާގެ ތެރެއިން ހަ މިލިއަނަށް ވުރެ ގިނަ ރިފިޔާ ފެނިފައިވާ ކަމަށެވެ. އެއީ 1.1 މިލިއަން ރުފިޔާ އާއި 321،000 އަށް ވުރެ ގިނަ ޑޮލަރު (4.9 މިލިއަން ރުފިޔާ) އެވެ.