ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނު ކުރާ ވަކީލަކު ކަނޑައެޅުމަށް ބާއްވާ އިންތިހާބުގައި ވޯޓު ލުމަށް ރީ-ރެޖިސްޓާ ވުމުގެ ފުރުސަތު އިތުރުކޮށްދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގައި މާލެ ނޫން އެހެންތަނެއްގައި ވޯޓުލުމަށް ބޭނުންވާނަމަ ރީ ރެޖިސްޓްރީ ކުރުމުގެ ފުރުސަތު މިރޭ 21:00 އަށް އިތުރު ކޮށްދީފައިވާ ކަމަށެވެ.

ޖޭއެސްސީ އަށް ވަކީލަކު އައްޔަން ކުރަން އިންތިހާބު ބާއްވާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ބާ ކައުންސިލުން އިންތިޒާމުކޮށް ބާއްވާ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމައިފަ އެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

އެ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މުސްލިމަށްވެ އުމުރުން 25 އަހަރު ފުރިހަމަވުމާ އެކު ސިޔާސީ މަގާމެއްގައި ހުރި ބޭފުޅަކަަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވުން ވެސް ހިމެނެ އެވެ.

ޖޭއެސްސީގައި ކުރިން ވަކީލުން ތަމްސީލު ކުރައްވަމުން ދިޔައީ ގާނޫނީ ވަކީލު ލަތީފާ ގާސިމް އެވެ. އޭނާ އެމަގާމަށް އިންތިހާބުގެ ވަކީލުކަމާ ހަވާލުވެވަޑައިގެންނެވީ 2014 ވަނަ އަހަރު ނޮވެމްބަރު މަހު އެވެ.

ނަމަވެސް ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓާ ބާ ކައުންސިލެއް އުފައްދާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގާނޫނީ ފަންނުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމާ އެކު ޖޭއެސްސީ އަށް ވަކީލުންގެ ފަރާތުން އިންތިހާބު ކުރި، ލަތީފާ ގާސިމްގެ މެމްބަރުކަން ވަނީ ގެއްލިފަ އެވެ.

ބާ ކައުންސިލު ވުޖޫދުވުމަށް ފަހު ގާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާ ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ އެ ކައުންސިލުން ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.