ލަންޑަން (ޖުލައި 23): އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް އެގައުމުގެ ކުރީގެ ފޮރިން ސެކްރެޓަރީ ބޮރިސް ޖޯންސަން އިންތިހާބުކޮށްފި އެވެ.

މީގެ ކުރިން ލަންޑަނުގެ މޭޔަރުކަން ކުރައްވާފައިވާ ޖޯންސަން ޕާޓީގެ ލީޑަރު ކަމަށް އައްޔަން ކުރަން 92،153 މެމްބަރުން ވޯޓު ދެއްވި އިރު އޭނާއާ ވާދަ ކުރެއްވި ފޮރިން މިނިސްޓަރު ޖެރެމީ ހަންޓަށް ލިބިލެއްވީ 46،656 ވޯޓެވެ. އެއާ އެކު ޖޯންސަން ވަނީ ގައުމުގެ ބޮޑުވަޒީރު ކަމަށްވެސް ހޮވިފަ އެވެ.

އެވޯޓުން ލިބުނު ކާމިޔާބީއަށް ފަހު ޖޯންސަން ދެއްވި ތަގުރީރުގައި ވަނީ "އިނގިރޭސިވިލާތް އީޔޫއިން ވަކި ކުރާނެ ކަމަށާއި އެގައުމު އެއްބައި ކުރާނެ ކަމަށް" ވިދާޅުވެފަ އެވެ.

އަދި ޖޯންސަން ވަނީ ބޮޑުވަޒީރު ތެރީސާ މޭއަށް ޝުކުރު އަދާ ކުރައްވާ، އެކަމަނާގެ ކެބިނެޓުގައި މީގެ ކުރިން ބައިވެރިވުމަށް ފުރުސަތު ލިބުމަކީ އޭނާއަށް ލިބިލެއްވި ޝަރަފެއް ކަމަށް ވިދާޅުވެފަ އެވެ. ދެހާސްސޯޅައިން މިދިޔަ އަހަރުގެ ޖުލައި މަހާ ހަމަޔަށް ފޮރިން ސެކްރެޓަރީކަން ކުރެއްވި ޖޯންސަން އިސްތިއުފާ ދެއްވީ ބްރެކްޒިޓާ ބެހޭ ގޮތުން ސަރުކާރާ ދެބަސްވުން އުފެދުމުގެ ސަބަބުންނެވެ.

ޖޯންސަން ބޮޑުވަޒީރު ކަމުގެ ޒިންމާތަކާ ހަވާލުވެވަޑައިގަންނަވާނީ މާދަމާ އެވެ.