31 Oct 2011, 13:36
ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ގޮސް ހުރި ކެނެޑާގެ އިމާމެއް ސައުދީއަރަބިއްޔާގެ ދީނީ ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ އަލްޖަޒީރާ ބުނި ގޮތުގައި ކެނެޑާގެ އިމާމެއް ކަމަށްވާ އުސާމާ އަލް އަތާރު ހައްޔަރު ކުރުމުގެ ކުރިން ދީނީ ފުލުހުން ވަނީ އޭނާ އަށް ވަރަށް ބޮޑަށް އަނިޔާ ވެސް ކޮށްފަ އެވެ. އަދި އެ އެޖެންސީން ބުނީ އޭނާ ހައްޔަރުކުރިކަން ކެނެޑާގެ ފޮރިން މިނިސްޓްރީން ވެސް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު މައުލޫމާތު ކެނެޑާ އިން އަދި ނުދެ އެވެ.
ސައުދީ ފުލުހުން އުސާމާ އަށް ހަމަލާދީ އޭނާ ހައްޔަރު ކުރީ ގަބުރުސްތާނެއްގައި އިމާމުވެ، ދުއާއެއް ކޮށްދެއްވަން ހުންނަވަނިކޮށެވެ. އުސާމާ އަލް އަތާރު ހައްޖަށް ވަޑައިގެން އުޅުއްވަނީ ބައިނަލްއަގުވާމީ ހައްޖުވެރިންގެ ޖަމާއަތަކާ އެކުގަ އެވެ.
ކެނެޑާގެ އަލްބާޓާ ޔުނިވަސިޓީގައި ކެންސަރު ރިސާޗް ކުރުމުގެ ދާއިރާ އިން ކިޔަވާ ވިދާޅުވަމުން ގެންދަވާ އަލް އަތާރު އަކީ ކެނެޑާގައި ވަރަށް މަޝްހޫރު ޝިޔައީ އިމާމެކެވެ.
ސައުދީ އަރަބިއްޔާގެ ދީނީ ފުލުހުންނަކީ އިސްލާމީ ޝަރީއަތާއި އުސޫލުތައް ދެމެހެއްޓުމަށް އެގައުމުގެ ސަރުކާރުން ހަމަޖައްސާފައި ތިބޭ ބައެކެވެ.