23 Jul 2019, 16:30
އައިއެސް ޖަމާއަތާ ގުޅިގެން ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން އުޅުނު ކަމުގެ ތުހުމަތު ކުރެވިފައިވާ ރ. ކަނދޮޅުދޫ، ކަށިމާގެ، އަލީ ޝަފީގުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.
ޝަފީގުގެ މައްޗަށް ދައުލަތުން ކުރީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެ ދޫކޮށް ދިޔުމުގެ ދައުވާއެވެ. އެ ދައުވާ ކުރީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ)ގެ ދެ ވަނަ ނަމްބަރާ ހަވާލާދީ އެ މާއްދާގެ (ނ)ގެ ދަށުންނެވެ.
ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ ޝަފީގު 20 އޮކްޓޯބަރު 2016 ގައި ޗުއްޓީ ހޭދަ ކުރުމަށް ކަމަށް ބުނެ ދުބާއީ މަގުން ތުރުކީގެ އިސްތަންބޫލަށް ގޮސް، ސީރިއާގައި ހިނގާ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ތުރުކީގައި ހުންނަ ހަނގުރާމައަށްދާ މީހުން އުޅޭ "ސޭފްހައުސް"އަކުން ތުރުކީ ފުލުހުން އޭނާ ހައްޔަރުކޮށްގެން ރާއްޖެ ފޮނުވާލީ ކަމަށް ދައުލަތުން ބުނެއެވެ.
މި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި މިއަދު އޮތީ ދެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހެޅި ކަންކަމަށް ގޮތް ނިންމުމުގެ.
ޝަފީގުގެ ފަރާތުން ވަނީ މި މައްސަލަ ޝަރީއަތަށް ނުގެންދެވޭނެ ކަމަށް ގަބޫލު ކުރާ ސަބަބުތައް ބަޔާންކޮށްފައެވެ. މި މައްސަލައިގައި އޭނާގެ ފަރާތުން ވަކާލާތުކޮށްފައި ވަނީ އޭނާ ރާއްޖެއިން ބޭރަށް ދަތުރު ކުރީ ޓިކެޓު ނަގައިގެން ޕާސްޕޯޓުގައި ސްޓޭމްޕު ޖަހައިގެން އެެހެން މީހުންވެސް ދަތުރު ކުރާ އުސޫލުން ކަމަށް ބުނެ އެވެ. އަދި އޭނާ ބޭނުން ކުރީ ގާނޫނު އަސާސީގެ 41 ވަނަ މާއްދާއިން ލިބިގެންވާ ރާއްޖެއިން ފުރައިގެން ދިއުމާއި، ރާއްޖެއަށް އެނބުރި އައުމާއި، ރާއްޖޭގައި ހުރުމާއި ރާއްޖޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށްއުޅުމުގެ މިނިވަންކަމުގެ ހައްގު ކަމަށް ބުނެ އެވެ.
ޝަފީގު ކުރި ކަމަކީ ކުށެއް ކަމަށް ގާނޫނަކުން ކަނޑައަޅާފައި ނުވާ ކަމަށް އޭނާގެ ފަރާތުން ބުނެފައިވެއެވެ. އަދި ގާނޫނު އަސާސީގެ 59 ވަނަ މާއްދާގައި ކަމެއް ކުރުން، ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުން އެއީ ކުށެއް ކަމުގައި އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ބަޔާންކޮށްފައި ނެތީސް އެ ކަމެއް ކުރި މީހަކަށް ނުވަތަ އެ ކަމެއް ނުކޮށް ދޫކޮށްލި މީހަކަށް، އެ ކުރި ކަމަކާ ނުވަތަ ނުކޮށް ދޫކޮށްލިކަމަކާ ގުޅުވައިގެން އަދަބު ދީގެނެއް ނުވާނެކަން ބަޔާންކޮށްފައިވާކަން ފާހަގަކުރިއެވެ.
އޭގެ އިތުރުން ޝަފީގުގެ މައްޗަށް ކޮށްފައިވާ ދައުވާ އިޖުރާއަތުގެ ގާނޫނުގެ 82 ވަނަ މާއްދާގެ (ބ) ބުނާ މިންގަނޑަށް ދައުވާ ނުފެތޭ ކަމަށް ޝަފީގުގެ ފަރާތުން ބުނެފައިވެއެވެ. އެގޮތުން ޝަފީގު ކުރި ކަމަށް ބުނާ ކުށް އޭނާ ކުރި ވަގުތާއި ތަން ދައުވާ ސީޣާއިން ނޭނގޭ ކަމަށް އޭނާގެ ފަރާތުން ބުނެފައިވެއެވެ.
ޝަފީގާ ދެކޮޅަށް ހުށަހަޅާފައިވާ މައިގަނޑު ހެއްކަކީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްކަން ފާހަގަކޮށް އެ ރިޕޯޓަކީވެސް މީހަކު ދެއްކި ވާހަކައެއްގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓެއް ކަމަށް އޭނާގެ ފަރާތުން ބުނެފައިވެއެވެ. އެހެންކަމުން އެ ރިޕޯޓުގައިވާ ކަންކަން ހެކީގެ ހޮގޮތުގަ ނުބެލެވޭ ކަމަށް އޭނާގެ ފަރާތުން ބުނެފައިވެއެވެ.
މިއަދު އެ މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމަވަމުން ގާޒީ ހަސަން ނަޖީބު ވިދާޅުވީ، ކޮންމެ މީހަކަށްވެސް ރާއްޖެއިން ބޭރަށް ގޮސް އައުމުގެ ހައްގު ލިބިގެންވާާ ކަމަށެވެ. އަދި ޝަފީގު އަމަލު ކުރަމުން ދިޔައީ އެ ހައްގުގެ ތެރެއިން ކަމަށް ފެންނަ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން، ޝަފީގު ތުރުކީއަށް ދިޔައީ ސީރިއާގައި އޮތް ހަނގުރާމައިގައި ބައިވެރިވާންކަން ސާބިތުވާނެ މިންވަރަށް އެއްވެސް ހެއްކެއް ދައުލަތަށް ހުށަހެޅިފައި ނުވާ ކަމަށް ގާޒީ ހަސަން ނަޖީބު ވިދާޅުވިއެވެ. އަދި އޭނާ ސީރިއާއަށް އެތެރެވާން އުޅުނުކަން ސާބިތުވާނެ ވަރުގެ ހެއްކެއްވެސް ހުށަހަޅާފައި ނުވާ ކަމަށް ވިދާޅުވިއެވެ. ދައުވާ މައިގަނޑު ގޮތެއްގައި ބިނާވެގެންވާ ފުލުހުންގެ އިންޓެލް ރިޕޯޓުންވެސް އެކަން ނޭނގޭ ކަމަށް ވިދާޅުވިއެވެ. ނަޖީބު ވިދާޅުވީ، މީހަކަށް އެފަދަ ތުހުމަތެއް ކުރަން ޖެހޭނީ ސާފު ހެއްކާއި ގަރީނާއާ އެކުގައިކަމަށެެވެ.
ގާޒީ ނަޖީބު ނިންމެވީ، ޝަފީގު ތުރުކީއަށް ދިޔައީ ހަނގުރާމައިގައި ބައިވެރިވާން ކަމަށް ޝަރީއަތަށް ނުފެންނަ ކަމަށެވެ. އެހެންކަމުން، ދައުވާ ބާތިލު ކުރަން އޭނާ ނިންމެވި އެވެ. އަދި ޝަރީއަތް ނިމެންދެން ޝަފީގު ބަންދު ކުރަން ކޮށްފައިވާ އަމުރުވެސް ބާތިލުކުރެއްވި އެވެ.
ޝަފީގަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ގޮއްވާލި ބޮން ހެދުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދައުވާ ކުރި މީހެކެވެ. އެކަމަކު، އެ މައްސަލައިގައި އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތެއް ނުވި އެވެ. އޭގެ އިތުރުން، އަފްޣާނިސްތާނާއި ޕާކިސްތާނު ގުޅޭ ބޯޑަރު ކައިރިން އިތުރު ދިވެހީންތަކަކާ އެކު ހަތިޔާރު އަޅައިގެން ތިއްބައި 2009 ވަނަ އަހަރު ވެސް އޭނާ ހައްޔަރުކުރި އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެއެވެ.