ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ފާސްކޮށްފައި ވަނީ މި މަހުގެ ތެރޭގައެވެ.

ދެހާސް ދިހަ ވަނަ އަހަރު އަމަލުކުރަން ފެށި ކޯޓުތަކާ ބެހޭ ގާނޫނުގައި ވާ ގޮތުން ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއި އެ ކޯޓަށް އައްޔަނުކުރެވޭ އިތުރު ހަ ފަނޑިޔާރުންނާ އެކު، ޖުމްލަ ހަތް ފަނޑިޔާރުންގެ މައްޗަށެވެ.

ނަމަވެސް 2014 ވަނަ އަހަރުގެ ފަހުކޮޅު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހާއެކު ސުޕްރީމް ކޯޓުގެ ބެންޗު ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކަށް ބަދަލުކޮށްފަ އެވެ.

އެ އިސްލާހާ ގުޅިގެން އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވި އަހްމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ވަނީ ފަނޑިޔާރުކަމުން ވަކިކޮށްފައެވެ.