މިނިވަންދުވަހުގެ ހަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކަށް ބަދަލު ގެންނަން ނިންމައިފިއެވެ.

ފުލުހުން ބުނީ މިމަހުގެ 25 ވަނަ ދުވަހުގެރޭ ބާއްވާ މިނިވަންދުވަހުގެ ހާއްސަ ބައްދަލުުވުމާ ދިމާކޮށް ދަރުބާރުގެ ހިމެނޭ ސަރަހައްދުގެ ބައެއް މަގުތައް އާންމު ޓްރެފިކަށް ބަންދު ކުރާނެ ކަމަށެވެ. އަދި އެ ސަރަހައްދުގެ ބައެއް ޕާކިން ޒޯނުތައް ހުސްކުރަންވެސް ވަނީ ނިންމައިފައެވެ.

އެގޮތުން ދަރުބާރުގެ އާއި ކުޑަކުދިންގެ ބަގީޗާ އާއި ދެމެދު އޮންނަ މަގު އާންމު ޓްރެފިކަށް ބަންދު ކުރުމުގެ އިތުރުން އެ ސަރަހައްދުގެ ޕާކިން ޒޯނުގައި ހުރި ވެހިކަލްތައް 25 ޖުލައި ގެ ހެނދުނު އަށެއްގެ ކުރިން ނެގުމަށް ވަނީ އަންގައިފައެވެ. ކުޑަކުދިންގެ ބަގީޗާ އާއި ކަލާފާނު ސްކޫލާ ދެމެދު، އަމީނީ މަގުވެސް ބަންދުކޮށް ޕާކިން ޒޯނު ހުސްކުރަން ވަނީ އަންގައިފައެވެ. މީގެ އިތުރުން ދަރުބާރުގެ ހިމެނޭ ސަރަހައްދުން 54 ވަނަ ކޮށި ކުރިމަތި ޕާކިން ޒޯނު ހުސްކުރަންވެސް ވަނީ އަންގައިފައެވެ.

މީގެ އިތުރުން މިނިވަންދުވަހުގެ ކުޅިވަރުތައް ކުރިއަށް ގެންދާ ގަލޮޅު ބޯޅަދަނޑުގެ ވަށައިގެންވާ ޕާކިން ޒޯނުތައް ހުސްކުރަންވެސް ފުލުހުން ވަނީ އަންގައިފައެވެ. އެ ސަރަަހއްދުގައި ހުރި ވެހިކަލްތައް މިމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު އަށެއްގެ ކުރިން ނަގަން ވަނީ އަންގައިފައެވެ.

ވެހިކަލްތައް ނުނަގާނަމަ ގަވައިދުގައިވާގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިނިވަންދުވަހާ ގުޅުވައިގެން މިމަހުގެ 27 ވަނަ ދުވަހަކީ މާލޭގައި ހިނގާފައި އުޅޭ ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. އެދުވަހުގެ ހަވީރު ހުއްދަ ނެތި އުޅަނދު ދުއްވާނަމަ ފިޔަވަޅު އަޅާނެއެވެ.