14:30


ކައުންސިލް އިންތިހާބުގެ މުއްދަތު ތިން އަހަރުން ފަސް އަހަރު ދުވަހަށް ބަދަލުކުރަން ގާނޫނު އަސާސީއަށް އިސްލާހް ގެނައުމަށް ހުށަހަޅާފައިވާ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފައްޓަވައިފި އެވެ.


މި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ، ކައުންސިލްތަކުގެ އިންތިހާބު، ކޮންމެ ތިން އަހަރަކުން ބާއްވަން ހަމަޖެހިފައި އޮތުމުން، ފަސް އަހަރު ދުވަހުގެ ރިޔާސީ ދެ ދައުރުގެ ތެރޭގައި ކައުންސިލްގެ އިންތިހާބު ތިން ފަހަރު ބާއްވަން ޖެހޭ ކަމަށެވެ. އަދި އެ ކަމަކީ، ދައުލަތުގެ މާލިއްޔަތުން ގިނަ ފައިސާތަކެއް ހަރަދުވާނެ ކަމަކަށް ވެފައި ފަސް އަހަރު ދުވަހަށް ކައުންސިލްގެ އުމުރު ހަމަޖެހިފައި އޮތުމުން ދައުލަތުގެ މާލިއްޔަތުން އެތައް ގުނަ ފައިސާތަކެއް ސަލާމަތްކުރެވި، ރައްޔިތުންނަށް ލިބިދޭންޖެހޭ ހައްގުތައް ހޯދައިދިނުމަށް އެ ފައިސާ މުހިއްމު އެހެނިހެން ކަންކަމަށް ހަރަދުކުރުމަށް ސަލާމަތް ކުރުމުގެ ބޭނުމުގައި އެ ބިލު ހުށަހެޅުއްވީ ކަމަށެވެ. އަދި މި ކަމަކީ ގިނަ ރައްޔިތުންގެ ހިޔާލު ވެސް ހުރި ގޮތް ކަމަށް ވުމުން ގާނޫނު އަސާސީއަށް މި އިސްލާހް ގެނައުމަށް މެންބަރުން އެއްބާރުލުން ދެއްވުމަށް ވެސް އާމިރު އެދިވަޑައިގެންނެވި އެވެ.


މި ބިލުގެ ބަހުސްގައި ވާހަކަ ދެއްކެވި މެންބަރުންގެ ތެރެއިން ޑީއާރުޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ބައެއް އަމިއްލަ މެންބަރުން ބިލަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި ނަމަވެސް މި ބިލާމެދު އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާކަން ފާހަގަކުރެވެ އެވެ.


އެމްޑީޕިއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުންގެ ތެރެއިން މި އިސްލާހަށް ތާއީދު ނުކުރައްވާ މެންބަރުން ވިދާޅުވީ، ކައުންސިލް އިންތިހާބުގެ މުއްދަތު ތިން އަހަރަށް އޮތުމަކީ އަވަސް އަވަހަށް ރައްޔިތުންގެ ބަސްބުނުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި އިންތިގާލީ މަރުހަލާ ނިމިފައިނުވާއިރު އެ މަރުހަލާގެ ތެރޭގައި ގާނޫނު އަސާސީއަށް އިސްލާހް ގެނައުމަކީ، އެ މަސައްކަތް އިތުރަށް ފެށިގެންދާނެ ކަމެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


އެމްޑީޕީގެ މެންބަރުންގެ ތެރެއިން މި ބިލަށް ތާއީދުކުރައްވައި ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ، ގާނޫނު އަސާސީއަށް އިސްލާހް ގެނައުމަކީ ނުކުރެވޭވަރު ކަމެއް ނޫން ކަމަށެވެ. އަދި ރައްޔިތުން ޑިމޮކްރަސީއަށް ހޭލުންތެރިވަމުން އަންނަ ވަރަކަށް އިސްލާހް ކުރަންޖެހޭ ތަންތަން ގާނޫނު އަސާސީން އިތުރަށް ފެނިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.


އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވިދާޅުވީ، ކައުންސިލްތަކުގެ އިންތިހާބުގެ މުއްދަތު ފަސް އަހަރަށް އިތުރު ކުރުމަށް ގިނަ ރައްޔިތުންތަކެއް އެދެމުންދާ ކަމަށެވެ. އަދި އެ އިންތިހާބަކީ އެންމެ ހަރަދު ބޮޑު އެންމެ އުނދަގޫ އިންތިހާބަށް ވާއިރު އެ އިންތިހާބުގެ މުއްދަތު އިތުރުކުރުމަކީ ހުރިހާ ގޮތަކުން ފައިދާ ހުރި ކަމެއްކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި މި އިންތިހާބަށް 66 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާއިރު މިއީ ބަޖެޓަށް ފައިސާ އިތުރު ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


އެމްޑީޕީގެ މެންބަރުން މި އިސްލާހަށް ތާއީދު ނުކުރައްވަނީ، ކައުންސިލް އިންތިހާބުގައި ބޮޑު އަޣްލަބިއްޔަތަކުން ނާކާމިޔާބާ ކުރިމަތިލާންޖެހޭނެތީ ކަމަށް ވެސް އިދިކޮޅު މެމްބަރުން ވިދާޅުވި އެވެ. އަދި އިގްތިސާދީ އިޖްތިމާއީ ކަންކަން އެއްކިބާކޮށް ސިޔާސީ ފައިދާއަކަށް ޓަކައި އެމްޑީޕީ މެންބަރުން މި ބިލާ ދެކޮޅު ހައްދަވަމުން ގެންދަވަނީ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.