23 Jul 2019, 13:04
ދެކުނުގެ އަތޮޅެއްގައި ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި މީހަކަށް ކުރި 15 އަހަރުގެ ދެ ޖަލު ހުކުމްވެސް ހައިކޯޓުން ދަމަހައްޓައިފި އެވެ.
މި މައްސަލައިގައި ހުކުމްކޮށްފައިވާ މީހާ އަކީ 2011 ވަނަ އަހަރުގެ ފަހުން އެކި ފަހަރުގެ މަތިން އޭނާގެ ދޮން ދަރިއާ ބެހުނުކަން ސާބިތުވެފައިވާ މީހެކެވެ. އެގޮތުން 2014 ވަނަ އަހަރު އޭނާ އެ ކުއްޖާއާ ބެހުނު މައްސަލައިއެއްގައި ޖެހިގެން އައި އަހަރު އޭނާގެ މައްޗަށް ވަނީ ދެ ދައުވާއެއްކޮށްފަ އެވެ. އެއިން ކޮންމެ ދައުވާއަކަށް އޭނާއަށް 15 އަހަރުގެ ޖަލު ހުކުމެއް ކުރި އެވެ. އެއީ ޖުމްލަ 30 އަހަރުގެ ޖަލު ހުކުމެކެވެ.
މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ނިންމި އެ ދެ މައްސަލަ އެ މީހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އޭގެ ތެރެެއިން އެއް ހުކުމް މި މަހުގެ 14 ވަނަ ދުވަހު ހައިކޯޓުން އޮތީ ދަމަހައްޓައިފަ އެވެ. އަދި ދެވަނަ ހުކުމްވެސް މިދިޔަ އާދިއްތަ ދުވަހު ވަނީ ދަމަހައްޓައިފަ އެވެ.
ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ޖިންސީ އަމަލެއް ހިންގުމުގެ ނިޔަތުގައި ކުޑަކުއްޖެއްގައި ގައިގައި އަތްލާ ކޮންމެ ފަހަރަކީ ވަކި ކުށެއްގެ ގޮތުގައި ބެލޭނެ ކަމަށެވެ. އަދި އެއް ކުއްޖަކާ މެދު ގިނަ ފަހަރު އެފަދަ އަމަލެއް ހިންގައިފި ނަމަ ވަކި ވަކިން ކޮންމެ ފަހަރަކީ ކުށެއް ކަމަށް ބެލި ދައުވާ ކުރެވޭނެ ކަމަށެވެ.
ހުކުމުގައި ވަނީ އިސްތިއުނާފު ކުރާ ފަރާތަކީ މީގެ ކުރިންވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މީހެއް ކަން ސާބިތު ކުރަން އޭނާގެ މައްޗަށް ސާބިތުވި ފުރަތަމަ މައްސަލަ ބޭނުން ކުރެވިދާނެ ކަމަށެވެ. އެކަމަކު، އޭނާގެ މައްޗަށް ކުރި ދެ ދައުވާގެ ތެރެއިން ފުރަތަމަ ހުކުމް ކުރީ ކޮން ދައުވާއެއްގައިކަން އެނގެން ނެތުމުން އޭނާ އަކީ މީގެ ކުރިންވެސް އެފަދަ އަމަލެއްކޮށްފައިވާ މީހެއް ކަމަށް ބުނެ ދަށު ކޯޓުގައި ހެކި ބޭނުންކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައި ބުނެފައި ވަނީ ކުއްޖާ ތަހުގީގަށް ކިޔައިދިން ވާހަކަތައް ޑޮކްޓަރުންގެ ހޯދުންތަކާ ދިމާވާ ކަމަށެވެ. މީގެ އިތުރުން އެ ކުއްޖާ އަށް ނަފްސާނީ ގޮތުން ކޮށްފައިވާ އަސަރުތަކަކީ ޖިންސީ ގޯނާގެ ސަބަބުން ކޮށްފައިވާ އަސަރުތަކެއް ކަމަށް އެ ކުއްޖާއާ އިންޓަވިއުކުރި ސޯޝަލް ވޯކަރުގެ ފަރާތުން އެނގޭ ކަމަށް ހުކުމުގަިއވެ އެވެ. އަދި ހުކުމުގައި ބުނީ، އެކަންކަމުގެ މައްޗަށް ކުއްޖާއާއި ކުއްޖާގެ ދައްތަގެ ބަހުން ހަރުދަނާ ގަރީނާ ލިބިގެންދާ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ އިތުބާރު ހުރި މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގައިފި މީހެއްގެ ކުށް ސާބިތުކުރުމަށް އެ ގާނޫނުގެ 47 ވަނަ މާއްދާގައި ބުނާ 12 ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ފަސް ބާވަތުގެ ހެކި ހުރެއްޖެނަމަ މައްސަލަ ސާބިތުވާނެ ކަމަށެވެ. އެ މާއްދާގައިި ބަޔާންކުރާ އަދަދަށް އެ މީހާއާ ދެކޮޅަށް ހެކި ލިބިފައެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
އެކަމަކު ޖިނާއީ ކުށް ސާބިތުކުރާ އާންމު މިންގަނޑުން ބަލާއިރު އެ މީހާގެ މައްޗަށް ކުށް ސާބިތުވާ މިންވަރުގެ ހެކި ލިބިފައިވާ ކަމަށް ހުކުމުގައިވެެއެވެ. އަދި ގާނުނު އަސާސީގެ 51 ވަނަ މާއްދާގެ (އ)ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި، އިސްތިއުނާފު ކުރި ފަރާތުން ކުށް ކުރިކަން ފަނޑިޔާރުންނަށް ގަބޫލު ކުރެވޭ ކަމަށް ބުނެފައިވެ އެވެ.
އެހެންވެ، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ކްރިމިނަލް ކޯޓުން ކުރި ހުކުމް ދަމަހައްޓާށެވެ.