23 Jul 2019, 12:48
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ، މުހައްމަދު ޝަރީފް މާލިއްޔަތު ކޮމިޓީއަށް އޮޅުވާލައްވާފައިވާ ކަމަށާއި އެފަދަ މައުލޫމާތެއް ދެއްވި މައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު މެންދުރުގެ ބްރޭކަށް މަޖިލިސް މެދުކަނޑާލުމުގެ ކުރިން މަޖިލީހުގެ މެންބަރުންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ޝަރީފް މައުލޫމާތު ދެއްވަން ވަޑައިގެން މާލިއްޔަތު ކޮމިޓީގެ ޔައުމިއްޔާ ލިބިފައިވާ ކަމަށާއި އެ ޔައުމިއްޔާ ބެލުމުން އެމްއެމްޕީއާރުސީއަށް ލިބުނު އެއްވެސް ކްރޮސް ޗެކެއް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްދީފައި ނުވާނެ ކަމަށް ޝަރީފް ކޮމިޓީއަށް މައުލޫމާތު ދެއްވި ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވާ ޗެކްތަކަށް ބަލާއިރު، ޝަރީފްގެ މައުލޫމާތަކީ އެއީ ކޮމިޓީއަށް އޮޅުވާލުމެއް ކަމަށް ވެސް ރަޢީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑަށް މިހާރު ފެންނަ ފެނުމުގައި ބޭންކް އޮފް މޯލްޑިވަސްގެ އޮފިޝަލް އެވަނީ މި މަޖިލީހަށް އޮޅުވާލައްވާފައި. އެހެންވީމަ އަޅުގަނޑު އިއްޔެ ދެންނެވިން އެކަން ބަލާފައި އިތުރު ވިސްނުމަކަށް ދާންޖެހިދާނެ ކަމަށް. އަޅުގަނޑުމެން މިހާރު ހަމަ ދާން ހަގީގަތުގައި ވެސް އޮތް ވިސްނުމަކީ އެ ބޭފުޅާގެ މައްސަލަ ބަލައި ތަހުގީގް ކުރުން،" މެންދުރުގެ ބްރޭކަށް މަޖިލިސް މެދު ކަނޑާލުމުގެ ކުރިން ނަޝީދު ވިދާޅުވި އެވެ.
މާލިއްޔަތު ކޮމެޓީގެ ޔައުމިއްޔާ އިން ފެންނަ ގޮތުގައި އެމްއެމްޕީއާރުސީގެ އެއްވެސް ކްރޮސް ޗެކެއް އެތަނުގެ އަކައުންޓަށް ނޫން އެއްވެސް އެހެން އެކައުންޓަކަށް ނުވައްނާނެ ކަމަށް ޝަރީފް ވިދާޅުވެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ޕްރޮސަސް ތަކާއި ގާނޫނުތަކާއި އެއްގޮތަށް ބޭންކުން އަބަދުވެސް އަމަލުކުރަމުން އައިގޮތް އެހެންވީމާ މިއަކީ އަސްލު ބޭންކުން އެމްއެމްޕީއާރުސީގެ ވަކި ބަޔަކާއި ގުޅިގެން ވަކިގޮތަކަށް ތަފާތުގޮތަކަށް ވަކި އިންސްޓްރަކްޝަނެއް އައިސްގެން ކޮށްފައި ނެތް ކަމެއް ކަން އަޅުގަނޑު މިދަންނަވަނީ އިނގޭތޯ އޭ،" ކޮމެޓީގައި ޝަރީފް އެހެން ވިދާޅުވި ކަމަށް ޔައުމިއްޔާ ބައްލަވައި ނަޝީދު ވިދާޅުވި އެވެ.
އެހެން ނަމަވެސް މަޖިލީހަށް ލިބިފައިވާ އެމްއެމްޕީއާރުސީގެ ޗެކް ތަކުގެ ކޮޕީގައި ސާފުކޮށް ކްރޮސް ޗެކް ހުރިކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.
މަޖިލީހުގެ އިއްޔެ ޖަލްސާ ފައްޓަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޝަރީފް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވާފައި ވަނީ، އެވަގުތަށް ލިބިހުރި މައުލޫމާތުގެ މައްޗަށް ކަމަށް ވިދާޅުވެ އެބޭފުޅާ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި މަޖިލީހަށް މައުލޫމާތު ދެއްވި ފަހުން ސޯޝަލް މީޑިއާގައި ދައުރުވި، ޗެކްތައް ބޭންކްގެ ސަމާލުކަމަށް އައިސްފައިވާ ކަމާއި، އެކަން ބެލުމަށް ފަހު ފަހު، އެކަމާ ގުޅޭ ތެދު މައުލާމާތު މަޖިލީހާ ހިއްސާކުރައްވާނެ ކަމަށް ޝަރީފް އެ ސިޓީގައި ވިދާޅުވެފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެހެން ކަމުން ބީއެމްއެލް ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފްގެ މައްސަލަ ތަހުގީގު ކޮށް ދިނުމަށް ފުލުހަށް ހުށަހެޅި މައްސަލަ އަނބުރާ ގެންނަން ވިސްނަވާކަމަށް އިއްޔެގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.