ކޮންމެ ރަށެއްގައި ކައުންސިލުތަކާއި އާންމު ފަރާތްތައް ގުޅިގެން ގޭދޮށު މަސްފެކްޓަރީ ގާއިމް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހެޅުއްވި ގަރާރަށް ތާއީދުކޮށް ބައެއް މެމްބަރުން ވާހަކަފުޅު ދައްކަވައިފި އެވެ.

ގަރާރުގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން، މަސްވެރިކަމުގެ އެންމެ ފުރިހަމަ މަންފާ ދިވެހީންނަށް ލިބިފައި ނުވާ ކަން ފާހަގަކޮށް ރާއްޖޭގެ އެކި އެކި ސަރަހައްދުތަކުގައި ކައުންސިލުތަކާއި އަމިއްލަ ފަރާތްތައް ގުޅިގެން ގޭދޮށު މަސް ޕްލާންޓުތައް ތަރައްގީ ކުރުމަކީ އިގްތިސާދީ ގޮތުން ދިވެހީންނަށް ނަފާ ކުރާނެ ކަމެއް ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

ގަރާރުގައި ގޮވާލާފައި ވަނީ ހަތަރު ކަމެއް ކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކަށާއި ރައީސްއަށް އިލްތިމާސް ކުރުމަށެވެ.

އެ ހަތަރު ކަމަކީ:

  1. ގޭދޮށު މަސްފެކްޓަރީތަކަށް ބޭނުންވާނެ މެޝިނަރީ، ޓެކްނޮލޮޖީ، އަދި އިކުއިޕްމެންޓު ކަނޑައެޅުން
  2. ގޭދޮށު މަސްފެކްޓަރީތަކަށް ބިން ދޫކުރެވޭނެ އުސޫލުތައް ކަނޑައެޅުން
  3. ގޭދޮށު މަސްފެކްޓަރީ ހިންގުމުގައި ރަށު ނުވަތަ ސިޓީ ކައުންސިލުތައް ބައިވެރިވެވޭނެ ގޮތް ކަނޑައެޅުން
  4. ދިވެހި މަސްވެރިންގެ އަތުން މަސް ގަނެ ޕްރޮސެސް ކުރާނެ ގޭދޮށު މަސް ޕްލާންޓުތައް ގާއިމް ކުރުމަށް ހުޅުވާލުން

މި ގަރާރާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުލްޝަހީމް އަބްދުލްހަކީމް ވިދާޅުވީ، ގޭދޮށު މަސްފެކްޓަރީ ގާއިމް ކުރުމަކީ ރަށުގައި ތިބެގެން ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ހޯދޭނެ ކަމެއް ކަމަށެވެ. ބޮޑު އަގުގައި މަހުން އުފައްދާ އުފެއްދުންތައް ބޭރަށް ވިއްކޭނެ ގޮތް ގޭދޮށު މަސްފެކްޓަރީތަކުން ހަމަޖެހިއްޖެ ނަމަ، ރާއްޖޭގައި ދިވެހީންނަށް މަސް ލިބޭ އަގުވެސް ހެޔޮވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ގަރާރަށް ފާޑުވިދާޅުވެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ޝަހީމް ވިދާޅުވީ، އާންމު ރައްޔިތުންނަށް ފައިދާވާ ކަމެއް ތައާރަފު ކުރަން އުޅޭ ނަމަ ބައެއް ވިޔަފާރިވެރިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އެގޮތުން ލޯކަލް ޓޫރިޒަމް ގެންނަން އުޅުނީމާ، އެއީ ރާއްޖެއަށް ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ބައެއް ވިޔަފާރިވެރިން ބުނި ކަމަށް އޭނާ ވިދާޅުވި އެވެ.

"ލޯކަލް ޓޫރިޒަމް ގެންނަން އުޅުނީމާ ވިޔަފާރިވެރިން ތުރުތުރު އަޅައިގެންގޮސް އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް ބުނަމުން ދިޔަ. އެހެންނަމަވެސް ހަގީގަތަކީ މިއަދު އަޅުގަނޑުމެން ލޯކަލް ޓޫރިޒަމް ފޫޅާވެގެން ގޮސް މިއަދު އެ ރަށްރަށުގައި ތިބި ރައްޔިތުން އެ ބޭފުޅުން އުފާވެފައި ހުރި ވަރު އެ ބޭފުޅުންގެ ތަނަވަސްކަމުން އަޅުގަނޑުމެންނަށް އެބަ އެނގޭ،" މެމްބަރު ޝަހީމް ވިދާޅުވި އެވެ.

ޝަހީމްގެ ވާހަކަފުޅަށް ތާއީދުކޮށް ތޮއްޑޫ ދާއިރާގެ މެމްބަރު ޝިޔާން ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.

"ކަނޑިތީމު ދާއިރާގެ މެމްބަރު ވިދާޅުވި ފަދައިން މި ރާއްޖޭގައި ލޯކަލް ޓޫރިޒަމް ފައްކާވަން ފެށި ދުވަސްވަރު އެންމެ ބޮޑު ގޮންޖެހުމަކަށްވީ ރިސޯޓުތައް ހިންގާ ފަރާތްތައް. އެހެންނަމަވެސް، ރަށްރަށުގައި ތިއްބެވި ޒުވާން ވިޔަފާރިވެރިންގެ ހިތްވަރުން މުޅި ރާއްޖެއަށް މިވަނީ ލޯކަލް ޓޫރިޒަމް ފެތުރިގެން ގޮސްފައި،" ޝިޔާން ވިދާޅުވި އެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ، އާ ބާވަތްތަކުގެ ވިޔަފާރިތައް ކުރުމަށް ސަރުކާރުން އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ކުރީގެ އެމްޑީޕީ ސަރުކާރުގައި ގެސްޓްހައުސް ވިޔަފާރީގެ ސިޔާސަތުގެ ވާހަަކަ ދެއްކުމުން ގިނަ ބަޔަކު މަލާމާތް ކުރި ކަމަށެވެ. އެކަމަކު މިއަދު އެ ސިޔާސަތުން ބޮޑު މަންފާއެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިން އަޅުގަނޑު ދެނެންވިހެން މަލާމާތް ކުރުމަކީ ކަމެއް ހުއްޓާލަން ސަބަބެއް ކަމެއް ނޫން. މިސާލަކަށް ދަންނަވާލަންޏާ ސަރުކާރުގެ ގެސްޓްހައުސްގެ ވިޔަފާރި އަޅުގަނޑުމެން ދެއްކި އިރުގައި މަގުމައްޗަށް ނުނިކުމެވޭ ވަރަށް މަލާމާތް ކުރި. އެ ހުރިހާ ބޭފުޅުން މިއަދު އެ ތިބީ އަތުގައި ހުރި ހުރިހާ ފައިސާއެއް ގެސްޓްހައުސް ވިޔަފާރިއަށް އަޅައިގެން. އެ ވިޔަފާރީގެ މަންފާގެ ތެރޭގައި އެ ބޭފުޅުން އެ އުދުހެނީ،" އީސާ ވިދާޅުވި އެވެ.

ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރުވެސް ވަނީ އެ ގަރާރަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ އެ ގަރާރަކީ މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ކޮންމެ ސިޔާސަތަކުންވެސް އަމިއްލަ މީހާއަށް ވަނީ ކޮން ފައިދާއެއްތޯ، މުޖުތަމައުއަށް ލިބެނީ ކޮން މަންފާއެއްތޯ، އަދި މުޅި ރާއްޖެއަށް ލިބެނީ ކޮން މަންފާއެއްތޯ ބަލަން ޖެހޭ ކަމަށެވެ. އަދި މި ތިން ކަމުން ފައިދާ ލިބޭ ނަމަ އެ އެކަމަކީ ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޫނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ، ދިވެހީން ބާނާ މަސް ޕްރޮސެސް ކުރެވި ވެލިއު އެޑެޑް ޕްރޮޑަކްޓްސް އުފެއްދުމަކީ އެކަމުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އޭގެ އިތުރުން އެ މަސް ފެކްޓަރީތަކުގެ ސަބަބުން ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށް ވިދާޅުވި އެވެ.

މެންބަރު ވަހީދު ވިދާޅުވީ މިދިޔަ އަހަރު އެކަނި 420 މެޓްރިކް ޓަނުގެ ކަނޑުމަހުގެ އުފެއްދުންތަކާއި 345 މެޓްރިކް ޓަނުގެ ފަރު މަހުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ. އެ އުފެއްދުންތަކަކީ ރާއްޖެއިން ބާނާ މަސް ބޭނުންކޮށްގެން އުފައްދާ އުފެއްދުންތަކެއް ކަމަށާއި އެ އުފެއްދުންތައް ރާއްޖެއަށް އެތެރެ ކުރަނީ ބޮޑު އަގެއް ލާފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ހުއްޓުވައި މަސްވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލެއް ގެނެވޭނީ ގޭދޮށު މަސްވެކަމުގެ ސިޔާސަތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ ސަބަބަށްޓަކައި މި އުޅެނީ މަސްވެރިކަމުގެ އުފެއްދުންތެރިކަމަށް އާ ބޮޑު އިންގިލާބީ ބަދަލެއް ގެންނަން. ގޭދޮށި މަސްޕްލާންޓުގެ ސިޔާސަތާ އެކުގައި އަޅުގަނޑަށް ޔަގީން ދިވެހިރާއްޖޭގައި ނެތެމެން ހީނަރުވަމުންދާ މަސްވެރިކަމުގެ ސިނާއަތަށް ބޮޑު އިންގިލާބީ ހެޔޮ ބަދަލެއް އަންނާނެ،" ވަހީދު ވިދާޅުވި އެވެ.

ގޭދޮށު މަސްފެކްޓަރީ ސިޔާސަތާ ދެކޮޅަށް ވާހަކަފުޅު ދެއްކެވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. އެ ސިޔާސަތަކީ ހިސާބު ނުޖަހައި ބައިނަލްއަގުވާމީ މިންގަނޑުތައް ނޭނގި އެކުލަވާލާފައިވާ ސިޔާސަތެއް ކަމަށް ޖާބިރު ވިދާޅުވި އެވެ. ޖާބިރު ވިދާޅުވީ، "ކޮންމެ ގެއެއްގައި" މަސް ފެކްޓަރީއެއް ގާއިމް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ ވޯޓަށް ދަޅަދެއްކުމަށް ކުރި ކަމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

ގޭދޮށު ފެކްޓަރީ ސިޔާސަތުގައިވާ ގޮތުން، ކޮންމެ ރަށެއްގައި ބިނާ ކުރާނީ އެއް މަސްފެކްޓަރީ އެވެ. އެ ފެކްްޓްރީތައް ހިންގާނީ ރަށު ރައްޔިތުންނާއި ކައުންސިލް ގުޅިގެން އެވެ. އަދި އެ ތަންތަނުން އުފައްދާ އުފެއްދުންތައް، ބޭރު ގައުމުތަކަށް އަދި ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ވިއްކާނެ ކަމަށް ސިޔާސަތުގައިވެ އެވެ.