31 Oct 2011, 13:22
އުފެދުމުގައި ހިތުގެ މައްސަލައެއް ހުރި ތިން އަހަރުގެ ކުއްޖެއްގެ އޮޕަރޭޝަނަށް ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ހަތް ހާހަށް ވުރެ ގިނަ ރުފިޔާ ހަދިޔާ ކޮށްފި އެވެ.
ފުލުހުން ބުނީ އުފެދުމުގައި ހިތުގައި ލޯވަޅެއް ހުރުމުގެ ސަބަބުން އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ، އުނގޫފާރު، ނޫރީގެ ފާތިމަތު ނަޖުވާ އަށް ރ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުން ފަންޑުކޮށްގެން 7250ރ. ހަދިޔާ ކޮށްފައިވާ ކަމަށެވެ.
އުނގޫފާރު ޕޮލިސް ސްޓޭޝަނާއި އަލިފުށި އަދި ދުވާފަރު ޕޮލިސް ސްޓޭޝަންގެ ފުލުހުން ގުޅިގެން ހޯދި ފައިސާ ހަވާލުކުރީ މި މަހުގެ 23 ވަނަ ދުވަހު އެ ކުއްޖާގެ މައިންބަފައިންނާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ކުއްޖާ ކުރަން ޖެހިފައިވާ އޮޕަރޭޝަނަށް އެކަނިވެސް އެއްލައްކަ ރުފިޔާ ބޭނުންވާ ކަމަށެވެ.
ފުލުހުން 7،250ރ. އެ އާއިލާ އަށް ދިނީ އެ ކުއްޖާގެ އާއިލާ އިން ރ. އަތޮޅުގައި މަސައްކަތް ކުރާ ފުލުހުންގެ ފަރާތުން ފައިސާގެ އެހީއަކަށް އެދުމާ ގުޅިގެން ނެވެ.