23 Jul 2019, 11:09
އަމާޒަކީ އޭއެފްސީގެ މުބާރާތަށް ތައްޔާރުވުން ކަމަށާއި މިއަދު ސައުދީ އަރަބިޔާއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ތަޖުރިބާއެއް ލިބޭނެ މެޗަކަށް ވާނެ ކަމަށް ރާއްޖޭގެ 15 އަހަރުން ދަށުގެ ގައުމީ ޓީމްގެ ކޯޗް އިބްރާހީމް ހަލީމް (ޖަޑާ) ބުނެފިއެވެ.
ޔުއެފާއާއި ފޫޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން އައްޑޫގައި މިހާރު ކުޅެމުން އަންނަ 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ތިންވަނަ މެޗުގައި މިއަދު ދިވެހި ރާއްޖޭގެ ޒުވާން ޓީމު ނުކުންނާނީ ސައުދީއާ ދެކޮޅަށެވެ. މި މެޗަށް ނުކުންނަ އިރު ދެ ޓީމު ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުން 1-3 ގެ ނަތީޖާއަކުން ބޫޓާން އަތުން ބަލިވި އިރު ސައުދީ ބޮޑު ތަފާތަކުން ފުރަތަމަ މެޗުގައި ބަލިވީ ޔޫރަޕުގެ ލެޓްވިއާ އަތުންނެވެ.

ރާއްޖެ މިއަދު ވާދަކުރާ ސައުދީ އަރަބިޔާގެ މި ޓީމަކީ މިއަހަރު ބޭއްވުނު އޭޝިއަން ކަޕްގެ ޗެމްޕިއަން ޓީމެވެ. ނަމަވެސް މިއަދުގެ މެޗުގެ ޓާގެޓަކީ މެޗުން މޮޅުވުން ނުވަތަ ޑްރޯއަކަށް ދިއުން ކަަމަށް ޓީމުގެ ކޯޗު އިބްރާހީމް ހަލީމް (ޖަޑާ) ބުންޏެވެ.
އޭނާ ބުނީ މިއީ ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމުގެ ފުރަތަަމަ ބައިނަލްއަގުވާމީ މުބާރާތްކަަމަށާއި މިއީ އޭފްސީއަށް ދިއުމުގެ ކުރިން ލިބޭ ވަރަށް ބޮޑު ތަޖުރިބާއަކަށް ވާނެކަމަށެވެ.
"ރާއްޖެ ޓީމުން މަސައްކަތް ފަށާފައިވަނީ އޭއެފްސީ މުބާރަތަށެވެ. އެގޮތުން ސައުދީ ޓީމާއެކު ކުޅެން މިލިބޭ ފުރުސަތަކީ ރައްޖެއަށް އޮތް ވަރަށް ބޮޑު ފައިދާއެއް،" ޖަޑާ ބުންޏެވެ.
މުބާރާތަކީ 15 އަހަރުން ދަށުގެ މުބާރާތެއް ނަމަވެސް މި މުބާރާތުގައި 15 އަހަރު ފުރިފައިވާ ކުޅުންތެރިންނަށް ކުޅެވޭނެއެވެ. ރާއްޖެއާއި ބޫޓަން އަދި ލެޓްވިއާ އެ ގަވާއިދަށް ކުޅުންތެރިން ނެގި ނަމަވެސް ސައުދީއަށް އެކަން އެނގުނީ ޓީމު ގޮވައިގެން ރާއްޖެއަށް އައި ފަހުންކަން ސައުދީގެ ކޯޗު ވަނީ ފާހަގަކޮށްފައެވެ.
"މުބާރާތަކީ ފަނަރަ އަހަރުން ދަށުގެ މުބާރާތެއްކަމުން އަހަރަމެން ގެނައީ 14 އަހަރުން ދަށުގެ ޓީމު. އެހެން ގައުމުތަކުން މުބާރާތަށް ގެނައީ 16 އަހަރުން ދަށުގެ ޓީމުކަން އެނގުނީ މުބާރާތައް ރާއްޖެ އައިފަހުން. އެހެންކަމުން 14 އަހަރުން ދަށުގެ ޓީމަކަށް ހާފެއްގެ ފުރިހަމަ 45 މިނެޓު ކުޅެވޭނެ ކަމަށް ގަބޫލު ނުކުރެވޭ،" ސައުދީގެ ކޯޗު ބުންޏެވެ.
ސައުދީ ޓީމު މިއަދު ރާއްޖެއާ ދެކޮޅަށް ނިކުންނައިރު އެޓީމުގެ މެދުތެރެ ބަލަހައްޓަމުން އައި މުހިންމު އެއް ކުޅުންތެރިއަކަށް ވަނީ ލެޓްވިއާ މެޗުގައި ރަތް ކާޑު ދައްކާފައެވެ.