31 Oct 2011, 13:11
ފުލުހުން ކުރަނީ ޕްރޮފެޝަނަލް މަސައްކަތެއް ކަމަށާއި ފުލުހުންނަށް އެމްޑީޕީން އެއްވެސް ނުފޫޒެއް ފޯރުވަމުން ނުދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން (ރީކޯ) މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރަސްމީ ވެބްސައިޓުގައި މޫސަ ވިދާޅުވެފައި ވަނީ ޝަރުއީ ދާއިރާ މިނިވަން ކުރުމަށް އެމްޑީޕީން ކުރި މުޒާހަރާއަށް ފަހު, ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫން ހައްޔަރުކޮށްފައި ވަނީ އެމްޑީޕީގެ އިސް އެކްޓިވިސްޓުންގެ ފިއްތުންތަކުގެ ސަބަބުން ކަމަށް ދޭހަވާ ގޮތަކަށް ޣައްސާންގެ ބޭބެ ފާރިޝް މައުމޫން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި އެވާހަކަތަކަށް ރައްދު ދެއްވައި މޫސަ ވިދާޅުވެފައި ވަނީ އެ ވާހަތަކަކީ އެއްވެސް އޮއްޓަރެއް ނެތް ވާހަކަތަކެއް ކަމަށާއި އެމްޑީޕީގެ އެކްޓިވިސްޓުންނަކީ ސަރުކާރު އޮފީސްތަކަށް ވަދެ ކަންތައްތައް ކުރާ ބައެއް ނޫން ކަމަށެވެ. އެމްޑީޕީގެ އެކްޓިވިސްޓުންނަކީ މިނިވަންކަމާއި ޑިމޮކްރަސީއަށް ޓަކައި އަދި އަނިޔާވެރިކަމާއި ހުދުމުހުތާރު އުސޫލުތަކާ ދެކޮޅަށް ނިކުންނަން ކެރޭ ބައެއް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
” ޕޮލިސް ސުޕްރިންޓެންޑެންޓް މުހައްމަދު ޖިނާޙު އަދި ކޮންމެ ފުލުހަކީ ވެސް އެމްޑީޕީ ގަބޫލުކުރާ ގޮތުގައި ޕްރޮފެޝަނަލް މަސައްކަތްތަކެއް ކުރާ ބައެއް. ޖިނާހު އަދި ކޮންމެ ފުލުހަކީ ކޮންމެ ސަރުކާރެއް އޮތަސް ގާނޫނީ ވާޖިބު އަދާކުރުމުގައި ފަސްޖެހޭނެ ބައެއް ނޫން ކަން މައުމޫނުގެ އާއިލާ އަށް އެނގެން އެބަޖެހޭ،" މޫސަ ވިދާޅުވެފައިވެ އެވެ.
މޫސަ ވިދާޅުވީ މައުމޫނުގެ ދުވަސްވަރު އަދުލު އިންސާފަށް ނުބަލައި ހުކުމް ކުރަމުން ގެންދެވި ބައެއް ގާޒީން އަދިވެސް އެ ދާއިރާގައި ތިބުމުން ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ބާރުފޯރުވަން ރައީސް މައުމޫންގެ އާއިލާ އިން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އެމްޑީޕީ އަކީ ރާއްޖެ އަށް ޑިމޮކްރަސީ ގެނައި ޕާޓީ ކަމަށާއި އެއްވެސް މުއައްސަސާއެއް މިނިވަން ނުވެ އޮވެއްޖެ ނަމަ، އެ މުއައްސަސާއަކަށް މިނިވަންކަން ހޯދައިދިނުމަށް އެމްޑީޕީން ނިކުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގައި ޖަލުތަކުގައި ގައިދީންނަށް ކޮށްފައިވާ އަނިޔާތަކަށް އިންސާފު ހޯދިފައިނުވަނީ ވެސް ދައުލަތުގެ ތިން ބާރު މައުމޫންގެ އާއިލާގެ ބާރުގެ ދަށުގައި އޮތުމުން ކަމަށް ވެސް މޫސަ ވަނީ ވިދާޅުވެފަ އެވެ.
އެންދެރިމާގެ ކުރިމަތީގައި އެމްޑީޕީން ހިންގި މުޒާހަރާ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން، ޣައްސާނު ގާނޫނާ ހިލާފަށް ހައްޔަރުކުރި ކަމަށް ބުނެ، ފުލުހުންގެ ސުޕުރިންގްޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހާ ދެކޮޅަށް އަހުމަދު ފާރިޝް މައުމޫން ވަނީ ޕޮލިސް އިންޓެގުރިޓީ ކޮމިޝަނަށް މައްސަލައެއް ހުށައަޅާފަ އެވެ.
މި މަހުގެ 20 ވަނަ ދުވަހު އެމްޑީޕީން ކުރި މުޒާހަރާގައި ބައެއްގެ ގެދޮރަށާއި މުދަލަށް ގެއްލުންދީ ހެދި އިރު ވެސް އެކަން ހުއްޓުވަން ފުލުހުން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ވަނީ ބުނެފަ އެވެ.