ތެހެރާން (ޖުލައި 22) : އެމެރިކާގެ 17 ޖާސޫސުން ހައްޔަރުކޮށް އޭގެތެރެއިން ބައެއް މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވިކަން އީރާނުން ހާމަކޮށްފި އެވެ.

އީރާނުގެ ރަސްމީ ޓީވީން ބުނީ މި 17 ޖާސޫން ހައްޔަރުކޮށްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އެމީހުންގެ ބޯކޮޅު ބަލައި އެމީހުންގެ ޖާސޫސީ އަމަލުތައް ދެނެގަތުމަށްފަހުގައި ކަމުގައެވެ. އީރާނުގެ ރަސްމީ ޓީވިން ވަނީ މި 17 ޖާސޫސުންގެ ފޮޓޯތައްވެސް ދައްކާލާފަ އެވެ. މީގެތެރެއިން 7 ޖާސޫސުން ހައްޔަރުކުރީ މިދިޔަ މާޗް މަހުގައި ކަމަށާ އެމީހުންގެ މައްޗަށް ޖާސޫސުކުރިކަމުގެ ކުށް ސާބިތުވުމާއެކު މަރަން ހުކުމްކޮށްފައިވާކަމަށް އީރާނުގެ ޖާސޫސީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެ އެވެ.

އީރާނަކީ އިސްރާއީލާ ދުޝްމަން ގައުމަކަށްވުމުގެ އިތުރުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އިސްލާމިކް ޖިހާދު ޖަމާއަތާއި ހަމާސް ޖަމާއަތަށް ސީދާގޮތެއްގައި އެހީތެރިކަން ފޯރުކޮށްދޭ ގައުމަކަށްވާތީ އެމެރިކާގެ އިތުރުން އިސްރާއީލުގެ ޖާސޫސީ ހަރަކާތްތަކުގެ އަމާޒަކަށްވެސް އީރާން ވެފައިވެއެވެ. ޚާއްސަކޮށް އީރާނަކީ ނިއުކްލިޔާ ޓެކްނޮލޮޖީ އާއި މިސައިލް ޓެކްނޮލޮޖީ ތަރައްގީކޮށް ހަތިޔާރާއި ދިފާއުގެ ރޮނގުގައި އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތްކުރާ ގައުމަކަށްވާތީ އެމެރިކާއާއި އިސްރާއީލުގެ ޖާސޫސީ ސްޓްރެޓީޖިކް އަމާޒަކަށް އީރާން ވެފައިވެއެވެ. އަދި އީރާނުގެ ނިއުކްލިޔާ ސައެންޓިސްޓުން މެރުމަށް ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގާ ކަމުގެ ތުހުމަތު އެމެރިކާއާއި އިސްރާއީލުގެ މައްޗަށް ކުރެވިފައިވެއެވެ. އީޜާނުގެ ބައެއް ސައެންޓިސްޓުން ޝައްކު ކުރެވޭފަދަ ގޮތްގޮތަށް މަރުވެފައިވާއިރު ބައެއް ސައެންޓިސްޓުން އީރާނުން ބޭރަށް ދިޔުމުން ގޮތްނޭންގޭ ފަރާތްތަކުން ވަގަށް ނަގާފައިވެސް ވެއެވެ.

އީރާނުގެ ޖާސޫސީ ކަންތައްތަކާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއް ބުނާގޮތުން ހައްޔަރުކޮށްފައިވާ ޖާސޫސުންގެ ތެރޭގައި އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާއަށް ޖާސޫސުކޮށްދިނުމުގައި ހަރަކާތްތެރިވި ޖާސޫސުންނާއި އެމެރިކާގެ އެޖެންޓުންގެ ގޮތުގައި ގަލްފާއި މެދުއިރުމަތީގައި ހަރަކާތްތެރިވާ ގައުމުތަކަށް ޖާސޫސުކޮށް ދިނުމުގައި ހަރަކާތްތެރިވި ފަރާތްތައްވެސް ހިމެނެއެވެ. މިއީ އީރާނާ ކުރިމަތިލުމުގައި އެމެރިކާއަށް ވާގިވެރިވާ އިސްރާއީލާއި ސައޫދީ އާއި ޔޫއޭއީއަށް ކުރި އިޝާރާތެއްކަމަށް ބެލެވޭކަމަށް މުރާސިލުން ބުނެއެވެ.

އެމެރިކާއިންވަނީ އީރާނުގެ މިވާހަކަތައް ދޮގުކޮށްފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ އީރާނަކީ ދޮގު ހެދުމުގައި އަރާހުރި ގައުމެއް ކަމަށް ސިފަކުރައްވައި އެމެރިކާގެ ޖާސޫސުން އީރާނުގައި ނުތިބޭނެ ކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ އީރާނުގެ ވާހަކަތައް ވަރަށް ބޮޑަށް ދޮގު ކުރައްވައި އީރާނުން އެމެރިކާގެ ޖާސޫސުން ހައްޔަރުކުރި ކަމަށް ބުނާ މައްސަލާގައި ކޯފާވެގެން އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

އީޜާނުން ދާދިފަހުންވަނީ އެގައުމަށް ޖާސޫސުކުރުމުގައި ހަރަކާތްތެރިވި އެމެރިކާގެ މަތީ ޓެކްނޮލޮޖީގެ ޖާސޫސީ ޑްރޯނެއްވެސް ވައްޓާލާފައެވެ. އެމެރިކާ އެކަމަށް އިއްތިރާފްވެ އީރާނަށް ބިރު ދެއްކި ނަމަވެސް އީރާނަށް އިސްވެ ހަމަލާދޭން އެމެރިކާއަށް ކެރިފައެއް ނުވެއެވެ. އެއަށްފަހު މިދިޔަ ހަފްތާގައި ޓްރަމްޕް ވަނީ ގަލްފުގައިވާ އެމެރިކާގެ ބާރުތަކަށް ޖާސޫސުކުރަން އުޅުނު އީރާނުގެ ޖާސޫސީ ޑްރޯނެއް ވައްޓާލިކަމަށް ވިދާޅުވެފައެވެ. ނަމަވެސް އީރާނުންވަނީ އެކަން ދޮގުކޮށް އެމެރިކާ ވައްޓާލީ އެމެރިކާގެ އަމިއްލަ ޑްރޯނެއް ކަމަށް ބުނެފައެވެ. އީޜާނުން މިހެން ބުނެފައިވާއިރު އެމެރިކާ ވައްޓާލި އީޜާނުގެ ޑްރޯންގެ ބައިތައް އެމެރިކާއަށް ދެއްކިފައެއް ނުވެއެވެ. (ރޮއިޓާސް+އަލްޖަޒީރާ)