23 Jul 2019, 14:45
އީރާން އާއި އެމެރިކާއާ ދެމެދުގައި ހޫނުވެފައިވާ މަޝްރަހުގެ ތެރެއަށް އެމެރިކާ އިން އިނގިރޭސިވިލާތުން މަސައްކަތް ކުރަމުންދާ ކަމަށް އީރާނުން ތުހުމަތުކޮށްފި އެވެ.
އީރާންގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒާރިފް ވިދާޅުވީ އެމެރިކާ އިން އީރާނާ ދެކޮޅަށް ފަށަން އުޅޭ ހަނގުރާމަ ކާމިޔާބު ނުވި ކަމަށެވެ. އެހެންކަމުން އެމެރިކާގެ ނެޝެނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން މަސައްކަތް ކުރައްވަނީ އިނގިރޭސިވިލާތް އެ ދެމެދަށް ވައްދައި މަޝްރަހު އިތުރަށް ގޯސްކުރައްވަން ކަމަށެވެ.
އެހެންކަމުން އެފަދަ މަޅިތަކުން ސަލާމަތްވުމަށް ވަރަށް ބޮޑަށް ސަމާލުވެ ތިބެ ދުރުވިސްނުން އިސްކުރަން ޖެހޭ ކަމަށް ޒާރިފް ވިދާޅުވި އެވެެ.
އިނގިރޭސިވިލާތާ އީރާނާ ކުރިން ގުޅުން ގޯސްވެ ސިޠާސީ ގުޅުން ކަނޑާލި ނަމަވެސް 2014 ވަނަ އަހަރު ވަނީ އަލުން ގުޅުން ގާއިމްކޮށް ދެ ގައުމުގެ އެމްބަސީތައް ވެސް އަލުން ހުޅުވައިފަ އެވެ. އަދި އިރާނާ އެކު ބޮޑެތި ބާރުތަކުން ގާއިމްކުރި އެއްބަސްވުމުން އެމެރިކާ ވަކިވިނަމަވެސް އިނގިރޭސިވިލާތުން ވަނީ އެ އެއްބަސްވުން ދެމެހެއްޓުމަށް މަސައްކަތްކޮށްފަ އެވެ.
ނަމަވެސް އިނގިރޭސިވިލާތުން އީރާންގެ ތެޔޮ ޓޭންކަރެއް ހިފެހެއްޓި މައްސަލާގައި ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އިރާނުން ވެސް ފަހުން ވަނީ ރައްދުގައި އިނގިރޭސިވިލާރުގެ ތެޔޮ ޓޭންކަރެއް ހިފަހައްޓައިފަ އެވެ.
އިނގިރޭސިވިލާތުން ވަނީ އީރާންއިން ހިފަހެއްޓި ތެޔޮޓޭންކަރު ވަގުތުން ދޫކޮށްލުމަށް ގޮވާލައިފަ އެވެ.