ވީބީ ސްޕޯޓްސްގެ ވަރުގަދަ މިޑްފީޑަރު މުހައްމަދު އާރިފް (ބަކާ) ނުލައި މިރޭ މާޒިޔާއާ ދެކޮޅަށް ފައިނަލްގައި ކުޅެންޖެހުނު ކަމުގައި ވިޔަސް، ޓީމް ނުކުންނާނީ 90 މިނެޓުގެ ތެރޭގައި ރަނގަޅު ނަތީޖާނެރެ މޮޅުވާން ކަމަށް ވީބީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ބުނެފި އެވެ.

އެފްއޭކަޕްގެ ފައިނަލްގައި މިރޭ މާޒިޔާއާ ދެކޮޅަށް ވީބީ ނުކުންނަ އިރު، ބާކާއަށް ނުކުޅެވެނީ ދެ ކާޑު ހަމަވެފައި ވުމުންނެވެ.

މެޗުގެ ކުރިން ވީބީގެ މެނޭޖަރު ސަތޯ ބުނީ، ޓީމް މިރޭ މާޒިޔާއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދައި ތަށި ކާމިޔާބު ކުރަން ކަމަށެވެ. އަދި މިރޭގެ މެޗުގައި ބަކާ ނެތަސް ވީބީ ޖެހިލުންނުވާނެ ކަމަށާއި ވީބީގައި ބަކާ ނެތްތަން ފޫބޭއްދޭ ވަރުގެ ކުޅުން ތެރިން އެބަތިބި ކަމަށެވެ. އެގޮތުން ބަކާ ނެތްތަން ފޫބެއްދުމަށް ދަނޑުމަޗަށް ނުކުންނަ ކުޅުންތެރިއަކީ ކޯޗް ވަންލީގެ އިރުޝާދުގެ ދަށުން ނުކުންނަ މޮޅު ކުޅުން ތެރިއެއް ކަމަށް ސަތޯ ބުންޏެވެ.

"ޓީމް ނުކުންނާނީ މޮޅެއް ހޯދައި ތަށި ކާމިޔާބުކުރަން. އެ އަޒުމްގައި. ޓީމްގައި އެއްވެސް ކަހަލަ އަނިޔާގެ މައްސަލައެއް ނެތް. ޓީމް އޮތީ ވަރަށް ރަނގަޅަށް ތައްޔާރު ވެފައި،" ސަތޯ ބުންޏެވެ.

އޭނާ ބުނީ، އިދިކޮޅަށް ނުކުންނަ މާޒިޔާއަކީ ބަލި ޓީމެއް ނޫން ކަމަށާއި މާޒިޔާއަކީ ވަރުގަދަ ޓީމެއް ކަމަށެވެ.

"ފައިނަލަށް ދަތުރެއް ނުކުރާނެ ބަލި ޓީމެއް. ފައިނަލަށް އަންނާނީ ހަމަ ވަރުގަދަ ޓީމެއް. އެކަން ދަނެގެން 90 މިނެޓުގެ ތެރޭގައި ރިޒަލްޓް ނެރުމަށް ވީބީ ނުކުންނާނީ،" ސަތޯ ބުންޏެވެ.
ވީބީ އެންމެ ފަހުން އެފްއޭ ކަޕްގެ ތަށި ކާމިޔާބު ކޮށްފައި ވަނީ މީގެ ތިން އަހަރު ކުރިންނެވެ. މިމުބާރާތް އެންމެ ފަހުން ކާމިޔާބު ކޮށްފައި ވަނީ ވިކްޓަރީ އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Ibrahim Rasheed (mp3)