"އަޙުމަދު އަލި ދީދީ ކްރިކެޓް ގްރައުންޑް"ގެ ނަމުން ނަން ދިނުމަށް ފަހު، ފުވައްމުލަކުގައި ހެދި ކްރިކެޓް ދަނޑު އިއްޔެ ރަސްމީކޮށް ހުޅުވައިފި އެވެ.

ސަތާރަ ވަނަ ސާކް ސަމިޓާ ދިމާކޮށް ފުވައްމުލަކުގައި ހެދި ކްރިކެޓް ދަނޑު ހުޅުވުމުގެ ގޮތުން އިއްޔެ ވަނީ ވަރަށް ހާއްސަ ކުރިކެޓް މެޗެއް ކުޅެވެފަ އެވެ. އެގޮތުން އިއްޔެ ކުޅުނު ކުރިކެޓް މެޗްގައި ބައްދަލުކުރި ދެ ޓީމަކީ ކްރިކެޓް ބޯޑް 11 އާއި ޕްރެސިޑެންޓް 11 ގެ ޓީމެކެވެ. މި ޙާއްސަ މެޗް ކާމިޔާބު ކުރީ ޕްރެސިޑެންޓް 11ގެ ޓީމެވެ.

ވިހ އޯވަރުގެ މި މެޗުގެ ފުރަތަމަ އިނިންގްސްގައި ކުޅެންނުކުމެ ބޯޑް 11 ޓީމަށް 20 އޯވަރު، ނުވަ ވިކެޓަށް ހެދިފައި ވަނީ 89 ލަނޑެވެ. މި އިނިންގްސްގައި އެންމެ ރަނގަޅަށް ސްކޯ ކޮށްފައި ވަނީ 24 ލަނޑު ހެދި ފަރުހަތު ޖަލީލެވެ. އެންމެ ރަނގަޅަށް އުކާފައި ވަނީ ހަތަރު އޯވަރު، ދެ މެއިޑުން، ތިން ލަނޑަށް ދެ ވިކެޓް ނެގި އަލީ ނިޔާޒެވެ.

ޖަވާބުގައި ޕްރެސިޑެންޓް 11ގެ ޓީމް ކުޅެން ނުކުމެ 15 އޯވަރުގައި ފަސް ކުޅުންތެރިން ނުބައިވެގެން 93 ލަނޑު ހަދާފައިވެ އެވެ. މިނިންގްސްގައި އެންމެ ރަނގަޅަށް ސްކޯ ކުރީ 33 ލަނޑު ހެދި އަޙުމަދު ކަލީމެވެ. މި އިނިންގްސްގައި އެންމެ ރަނގަޅަށް އުކާފައި ވަނީ ތިން އޯވަރ، 12 ލަނޑަށް އެއް ވިކެޓް ނެގި ހަސަން ހަބީބެވެ.

ދެ ޓީމުގައ ިވެސް ރާއްޖޭގެ ކުރީގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކުޅުނު މި މެޗުގައި ބައްދަލުކުރި ޕްރެސިޑެންޓް 11 ޓީމްގެ ކެޕްޓަނަކީ ޗަންޕާ ހުސައިން އަފީފެވެ. ބޯޑް 11 ގެ ކެޕްޓަނަކީ ކެނެރީ އަބުދުއްސައްތާރެވެ.

އިއްޔެގެ މެޗުގައި ކުޅުނު ކުރީގެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި އިބުރާހިމް އިސްމާއިލް، ޔޫތު މިނިސްޓަރު ހަސަން ލަތީފް، އިބުރާހިމް ނޫރައްދީން، ދޮންބިލެތް އަޙުމަދު ހަލީމް، މަޖިލިސް މެންބަރު އަލީ އާޒިމް، ފާއިޒް ސަމަދު، އަޙުމަދު ކަލީމް، ފަރުހަތު ޖަލީލު ފަދަ ކުޅުންތެރިން ހިމެނެ އެވެ.

"އަޙުމަދު އަލި ދީދީ ކްރިކެޓް ގްރައުންޑް" އަކީ ތިން މިލިޔަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ފުވައްމުލަކުގައި ހެދި ކްރިކެޓް ދަނޑެކެވެ. މި ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ "ސާކް ޓްވެންޓީ 20 ކަޕް 2011" ކްރިކެޓް މުބާރާތް އައްނަ އަންގާރަ ދުވަހު ފެށޭނެ އެވެ. ސާކް ގައުމުތަކުގެ ތެރެއިން ބަނގްލަދޭޝްފިޔަވާ އެހެން ހުރިހާ ގައުމަކުން ވާދަކުރާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދިވެހިރާއްޖެއާއި ބޫޓާން އެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ އެދުވަހު ހެނދުނު 9.30 އެވެ.