31 Oct 2011, 12:11
މި މަހުގެ ވިހި ވަނަ ދުވަހު ސްޕުރީމް ކޯޓުދޮށަށް ވެރިކަން ކުރާ އެމްޑީޕީ އަށް ނިސްބަތްވާ ބަޔަކު އެއްވެ، މުޒާހަރާ ކުރީ ފުލުހުންގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރެވުމުގެ ސަބަބުން ކަމުގައި ޕޮލިސް އިންޓަގުރިޓީ ކޮމިޝަނުގެ ރައީސް ޝަހިންދާ އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ޕޮލިސް އިންޓަގުރިޓީ ކޮމިޝަނުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަހިންދާ ވިދާޅުވީ މި މަހުގެ 20 ވަނަ ދުވަހު ހިނގި ހަމަނުޖެހުމާ ސުޕުރީމް ކޯޓް ކޯޓު ދޮށުގައި އެމްޑީޕީގެ ފަރާތުން ކުރި މުޒާހަރާއަކީ ކުއްލިއަކަށް ކުރެވުނު މުޒާހަރާއެއް ނޫންކަމަށާއި ދުރާލާ މުޒާހަރާ ކުރާނެކަން އަންގައިގެން ކުރި މުޒާހަރާއެއް ކަމަށެވެ.
"މަގުމަތީގައި ދިޔައީ މުޒާހަރާ ކުރާ ވާހަކަ ގޮވަމުން އަދި އެ އަޑު އަޅުގަނޑު މެންނަށް ވެސް ވަނީ އިވިފައި. އަޅުގަނޑު ގަބޫލްކުރާ ގޮތުގައި އެ އަޑު ފުލުހުންނަށް ވެސް އިވިވަޑައިގަންނަވާނެ ކަމަށް ގަބޫލްކުރެވޭ،" ޝަހިންދާ ވިދާޅުވި އެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ދުވަހު ސުޕުރީމް ކޯޓުގެ ދޮށަށް ނުވަދޭވޭ ގޮތަށް އެ ސަރަހައްދު ބަންދުކޮށްފައިވަނިކޮށް ސުޕުރިމް ކޯޓުގައި އެ ދުވަހުގެ 15:30ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީއަތަށް ހަސްމަކު ކޯޓަށް ވަޑައިގެންނެވި ވަގުތު ކޯޓުގެ ޝަރީއަތް އަޑުއެހުމަށް ނަން ނޯޓް ނުކުރާ ފަރާތްތަކުން ވެސް އެސަރަހައްދަށް ވަދެފައިވާކަމުގަ އެވެ.
"ޝަރީއަތަށް ވަނުމަށް ޓަކައި ނަން ނޯޓުކުރި ނުވަތަ ނަން ނޯޓު ނުކުރަނީ ކޮން ބައެއްކަމެއް ފުލުހުންނަށް ކުރިން މަޢުލުމާތު ލިބިފައެއްނެތް. އެ ދުވަހު އިތުރަށް އެތަނަށް ވަދެފައިވާ މީހުން ބާރުގެ ބޭނުން ކޮށްގެން ނުވަތަ ހައްޔަރުކޮށްގެން ދުރަށް ގެންދަން މަސައްކަތްކޮށްފި ނަމަ އިތުރު ހަމަނުޖެހުންތަކެއް އުފެދިދާނެ. އެހެންކަމުން އެ ދުވަހު ފުލުހުން މަސައްކަތްކޮށްފައި ވާނީ އިތުރުބަޔަކު ކޯޓް ސަރަހައްދަށް ނުވަތަ ކޯޓުތެރެއަށް ނުވަދޭވޭ ގޮތަށް ސެކިއުރިޓީ ބެލެހެއްޓުމަށް އިސްކަން ދީގެން އެ ސަރަހައްދު ކޮންޓުރޯލްކޮށް ބެލެހެއްޓުމަށެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުންގެ އެބަޔާނާ ގުޅިގެން ޝަހިންދާ ވިދާޅުވީ ކޯޓުތައް ހިމެނޭ ސަރަހައްދުތަކަކީ ފުލުހުން ރައްކާތެރިކަން ދޭން ޖެހޭ ސަރަހައްދު ތަކަށްވެފައި، ފުލުހުންނަށް އެ ދުވަހު ކޯޓް ސަރަހައްދުގައި މުޒާހަރާ ކުރުމަށް ބަޔަކު ތައްޔާރުވަމުން އަންނަކަން ކުރީބައިގައި އެގިފައިވާނެ ކަމަށް ގަބޫލްކުރެވޭ ކަމަށާއި ދުރާލާ ފުލުހުންނަށް އެކަމަށް ތައްޔާރުވެވެން ޖެހޭނެ ކަމުގަ އެވެ.
"އެތަނަށް[ސުޕުރީމް ކޯޓު ދޮށަށް] އެއްވުމަށް ފަހު ދެން ޝަރީއަތް ބުރޫ އަރާފާނޭ ކީޔާފައި ފުލުހުން އެތަނުން ދުރުކުރަން ޖެހޭ ބަޔަކު ދުރުނުކުރެވޭ ބުނުން އެއީ އަޅުގަނޑަށް ގަބޫލްކުރެވޭ އުޒުރެއްނޫން އެންމެ ފުރަތަމައިނުން ވެސް އެތަނަށް ބަޔަކަށް އެއްވެވޭނެ ކަމަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ" ޝަހިންދާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެ ދުވަހު އެންދެރިމާގޭ ދޮށަށް ވެރިކަން ހިންގާ އެމްޑީޕީގެ މެންބަރުން އެއްވެ ކުރި މުޒާހަރާގެ ތަހުގީގް ވެސް މިހާރު އެކޮމިޝަނުން ކުރަމުން ގެންދަވާ ކަމަށާއި އެކަން ބަލައިދިނުމަށް އެދި ހަތަރު ވަރަކަށް އާއްމު ފަރާތުން ވެސް އެ މައްސަލަ ކޮމިޝަނަށް ހުށައަޅުއްވާފައިވާކަމުގަ އެވެ.
މިމަހުގެ ވިހި ވަނަ ދުވަހު ހިނަގައިދިޔަ ހާދިސާގައި ކަން ހިގައި ދިޔަތާ ދުވަސްތަކެއް ފަހުން އެކޮމިޝަނުން ނޫސްބަޔާނެއް ނެރުމުން އެކަމަށް ސިޔާސީ ފަރާތްތަކުން ފާޑުކިޔމުން ގެންދާ ވާހަކަ ސަން އޮންލައިނުން ސުވާލުކުރުމުން ސަހިންދާ ވިދާޅުވީ އެއްވެސް ކަމެއް ހިނގާތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެއްވެސް ބަޔާނެއް ނުނެރެވޭނެ ކަމަށާއި އެއްވެސް ކަމެއް ނިންމާއިރު ކޮމިޝަނުގެ ފަސް މެންބަރުން ބަލައި އެކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅައި ބަޔާންތައް ނެރެމުން ގެންދަނީ ހަމަހަމަކަމާއި ސިޔާސީ އެއްވެސް ނުފުޒެއްނެތި ކަމުގައި ޝަހިންދާ ވިދާޅުވި އެވެ.