22 Jul 2019, 10:18
މަޖިލީހުގެ ކޮމިޓީއަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ، ބީއެމްއެލް ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފްގެ މައްސަލަ ތަހުގީގު ކޮށް ދިނުމަށް ފުލުހަށް ހުށަހެޅި މައްސަލަ އަނބުރާ ގެންނަން ވިސްނަވާކަން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފި އެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޝަރީފް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވާފައި ވަނީ، އެވަގުތަށް ލިބިހުރި މައުލޫމާތުގެ މައްޗަށް ކަމަށް ވިދާޅުވެ އެބޭފުޅާ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި މަޖިލީހަށް މައުލޫމާތު ދެއްވި ފަހުން ސޯޝަލް މީޑިއާގައި ދައުރުވި، ޗެކްތައް ބޭންކްގެ ސަމާލުކަމަށް އައިސްފައިވާ ކަމާއި، އެކަން ބެލުމަށް ފަހު ފަހު، އެކަމާ ގުޅޭ ތެދު މައުލާމާތު މަޖިލީހާ ހިއްސާކުރައްވާނެ ކަމަށް ޝަރީފް އެ ސިޓީގައި ވިދާޅުވެފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، މަޖިލީހުގެ ފަރާތުން އެ މައްސަލަ ފުލުހަށް ހުށަހެޅީ މަޖިލީހަށް ތެދު، އަދި ސައްހަ މައުލޫމާތު ދިނުމަށް އެންމެހާ ފަރާތްތަކަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ. އަދި މަޖިލީހަށް ތެދު މައުލޫމާތު ދެއްވާނެ ކަމާއި ކޮމިޓީގެ މަސައްކަތަށް އެއްބާރުލުން ދެއްވާނެ ކަމަށް ޝަރީފް ވިދާޅުވެފައި ވާތީ، އެއީ އެ މައްސަލަ ތަހުގީގު ކުރަން ހުށަހެޅި މަގުސަދު ހާސިލްވުން ކަމަށް ދެކޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ މަޖިލީގުގެ މަގުސަދަކީ މީހުންނަށް އުގޫބާތްދީ ތަހުގީގުތައް ހިންގުން ނޫން ކަމަށެވެ.
"... ތެދުބަހުން ވާހަކަ ދައްކަވަމުން ގެންދަވާނެ ކަމަށް އެބޭފުޅާގެ ސިޓީފުޅުން ވަރަށް ބޮޑަށް އެބަ ސާފުވޭ. އެހެން ވީމާ، އަޅުގަނޑު ގަސްތުކުރަން މާލިއްޔަތު ކޮމިޓީއިން އެދިގެން ހުށަހެޅި މައްސަލަަ މާލިއްޔަތު ކޮމިޓީގެ މުގައްރިރާ މަޝްވަރާ ކުރުމަށް ފަހު، މި މަޖިލީހުން ފުލުސް އޮފީހުގައި އެދިފައި އޮތް އެދުމާ މެދު އަލުން އަނބުރާ އަޅުގަނޑުމެން ވިސްނުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
"ނޮން ނެގޯޝިއަބުލް" ޖަހާފައިވަނިކޮށް، އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްދިން އެމްއެމްޕީއާރުސީގެ ޗެކެއް ކަމަށް ބުނާ ފޮޓޯއެއް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުން އެވެ.
މަޖިލީހުގެ އިދާރާއިން އިއްޔެ ބުނީ، ޝަރީފް މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނާ މައްސަލައެއް މާލިއްޔަތު ކޮމިޓީގެ މުގައްރިރު މަޖިލީހުގެ ރައީސްގެ ސަލާމުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަން ފުލުހަށް ފޮނުވުމަށް މަޖިލީހުގެ ރައީސް ނިންމަވާފައިވާ ކަމަށް ވެސް މަޖިލީހުގެ އިދާރާއިން އިއްޔެ ބުންޏެވެ.
މާލިއްޔަތު ކޮމިޓީއަށް ވަޑައިގެން ބީއެމްއެލްގެ އޮފިޝަލުން ވިދާޅުވީ، އެމްއެމްޕީއާރުސީއަށް ލިބުނު ޗެކްތައް އެ ކުންފުނިން އެންޑޯސްކޮށްގެން އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް ދީފައި ވަނީ ގާނޫނާއި ގަވާއިދުތަކާއި ބޭންކުން އަމަލު ކުރާ އެންމެހާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި އެ ހިޔާނާތުގައި ބީއެމްއެލްގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުމާއި އިހުމާލު ނޯންނާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.