22 Jul 2019, 09:22
ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުގެ ފަރާތުން ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ މީޑިއާތަކަށް ވިދާޅުވީ، ބޮޑެތި ބައެއް ޕްރޮޖެކްޓްތައް ނުހިންގި ލަސްވެފައި ވަނީ، އެ މަޝްރޫއުތައް ހިންގޭ ވަރަށް ބަޖެޓްގައި ފައިސާ ހިމަނާފައި ނެތުމުން ކަމަށެވެ.
"ސަން"އާ ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މި ސަރުކާރުން ތަންފީޒު ކުރަމުން މިދާ ބަޖެޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބަޖެޓެއް ކަމަށާއި އެކަމުގެ ސަބަބުން މި ސަރުކާރުގެ ބައެއް ކަންކަން ތަންފީޒު ކުރަން ވަރަށް ދަތިވާ ކަމަށެވެ. އަދި ސަޕްލިމަންޓްނުކޮށް ބަޖެޓް ކުރިއަށް ގެންދިޔުމަށް އުނދަގޫވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ސަޕްލިމެންޓްރީ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު މި ގެންދަނީ ކުރަމުން. ވަރަށް އަވަހަށް އެ ބަޖެޓް މަޖިލީހަށް އަޅުގަނޑުމެން ހުށަހަޅާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ނުނިމޭތީ އެ ބަޖެޓްގެ ތަފްސީލުތަކެއް މިނިސްޓަރު ނުދެއްވަ އެވެ. އެހެން ނަމަވެސް، އަމީރު ވިދާޅުވީ، ބަޖެޓް ނިންމާ މަޖިލީހަށް ފޮނުވުމުގެ ކުރިން އެ ބަޖެޓްގެ ތަފްސީލްތައް މީޑިއާއަށް ހާމަކުރައްވާނެ ކަމަށެވެ.
މިއަހަރަށް މަޖިލީހުން ފާސްކޮށްފައި ވަނީ، 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި، އެއީ ހަތަރު ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.
މިނިސްޓަރު އަސްލަމް އިއްޔެ ވިދާޅުވީ ބަޖެޓްގައި، ބައެއް މަޝްރޫއުތަކަށް ހުރީ ހަމައެކަނި އަދަދުތަކެއް ޖަހާފައި ކަމަށެވެ. ނަމަވެސް އެއީ މަސައްކަތެއް ކުރެވޭނެހާ ފައިސާއެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީއިން ކޮންމެ ހަފްތާއަކު އާންމު ކުރާ ދައުލަތުގެ ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ސަރުކާރުން މިހާތަނަށް ވަނީ 11.8 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ އިރު، 12.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެގޮތުން ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 1.4 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި ތަރައްގީގެ އެހެން މަޝްރޫއުތަކަށް 609.7 މިލިއަން ރުފުޔާ ހަރަދުކޮށްފައިވެ އެވެ.