31 Oct 2011, 11:59
ހއ. ފިއްލަދޫ ރަށު ކައުންސިލްގެ ނައިބު ރައީސް އާދަމް އިނާޒް، އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ޑީއާރުޕީން ވަކިކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިއްޖެ އެވެ.
އާދަމް އިނާޒް މިއަދު ވިދާޅުވީ ޕާޓީން ވަކިކުރި ކަމުގެ ސިޓީ ލިބިވަޑައިގަތީ މިއަދު ހެނދުނު ކަމަށެވެ. އަދި އެސިޓީ ލިބުމުން ކައުންސިލްގެ މެމްބަރުކަމުން އޭނާ މިހާރު ވަކިވެފައިވާކަން ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު ހެނދުނު ސޮއިކުރި ފަހުން ސިޓީ ލިބުނީ، ދެން މިހާރު މިހިރީ ގޭގައި، ކައުންސިލްގެ މެމްބަރުކަމުން ވަކިވެއްޖެ ކަމަށް ގަބޫލުކުރަނީ،" އިނާޒު ވިދާޅުވި އެވެ.
އިނާޒު ވިދާޅުވީ އޭނާ ޑީއާރުޕީން ވަކިކުރި ސަބަބެއް ކަމަށް އެ ޕާޓީން ފޮނުވި ސިޓީގައި ބުނެފައި ވަނީ ކައުންސިލްގެ ރައީސް މުހައްމަދު ވިޖާންގެ އިތުބާރު ނެތް ކަމަށް ވޯޓް ދިނުމެވެ.
ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވިޖާންގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް އިނާޒާއި އިތުރު ދެ މެމްބަރަކު ވޯޓްދީ ފާސްކުރި މައްސަލަ ފިއްލަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށައެޅުމުން އެކޯޓުން ހުކުމް ކޮށްފައި ވަނީ އެ ވޯޓްގައި އިނާޒް ބައިވެރިވެފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެން ހައިކޯޓުން ހުކުމްކޮށްފައި ވަނީ އެ ވޯޓްގައި އިނާޒް ބައިވެރިވީ ގާނޫނާ ހިލާފަށް ކަމަށެވެ.
ފިއްލަދޫ ކައުންސިލްގެ ނައިބު ރައީސް ޕާޓީން ވަކިކުރުމުން ލޯކަލް ކައުންސިލަކުން ގޮނޑިއެއް ގެއްލުނު މިއީ ފުރަތަމަ ފަހަރެވެ.
ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވިޖާންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގީ އެ ރަށުގައި ބަޔަކު ބަކަރިތަކާ ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ މައްސަލައެއްގައި ވިޖާން މީޑިޔާ އަށް މައުލޫމާތު ދެއްވުމާ ގުޅިގެންނެވެ.