މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ޓީޓީ އިވެންޓުގެ ފައިނަލްފައި އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތް ބާއްވާ މޮރިޝަސް ބަލިކޮށް ރާއްޖޭގެ ގައުމީ އަންހެން ޓީޓީ ޓީމުން ރަން މެޑަލް ހޯދުމާ ގުޅިގެން އެ ޓީމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަރުހަބާ ދަންނަވައިފިއެވެ.

ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި އެ ޓީމަށް މަރުހަބާ ދަންނަވައި ވިދާޅުވީ އެ ޓީމުން މުޅި ރާއްޖެއަށް އުފާވެރިކަން ގެނެސްދީ ގައުމު ފަހުރުވެރިކޮށްދީފި ކަމަށެވެ.

މޮރިޝަސް ބަލިކޮށް ރަން މެޑަލް ހޯދި އަންހެން ގައުމީ ޓީޓީ ޓީމުގައި ހިމެނެނީ 11 އަހަރުގެ ފާތިމަތު ދީމާ އަލީ އާއި 15 އަހަރުގެ އައިޝަތު ރަފާ ނާޒިމާއި ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ މުއީނާ މުހައްމަދު އަދި ފާތިމަތު ޖުމާނާ ނިމާލެވެ.

ރާއްޖެއިން މެޗު ކާމިޔާބު ކުރީ 3-2 ގޭމުންނެވެ.

އެ މުބާރާތުގައި ރާއްޖޭގެ ފިރިހެނުންގެ ބެޑްމިންޓަން ޓީމް ބްރޮންޒް މެޑަލް ހޯދުމާ ގުޅިގެން އެ ޓީމަށްވެސް ރައީސް ވަނި މަރުހަބާ ދަންނަވައިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް އެ މުބާރާތް ބައްލަވާލެއްވުމަށް މިހާރު ހުންނެވީ މޮރީޝަސްގައެވެ. އެމަނިކުފާނު އިއްޔެ ވަނީ މޮރީޝަސްގެ ބޮޑުވަޒީރާވެސް ބައްދަލުކުރައްވައިފައެވެ.