ހއ. ހޯރަފުށީ ވިޔަފާރިވެރިޔާ ހުސޭނުބޭގެ މަރުގެ މައްސަލައިގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ ތިން މީހުންގެ ތެރެއިން ދެ މީހެއްގެ މައްޗަށް، ސައިކަލްތައް ވަގަށް ނަގައި ރޯކޮށްލި ކަމަށް ބުނެ ދައުލަތުން ކޮށްފައިވާ ވައްކަން ކުރުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާ ދެ މީހުންގެ މައްޗަށް ވެސް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ހއ. ހޯރަފުށީ ސޯސަންވިލާ، ނުއުމާން އަބްދުﷲ، އުންމީދީ މަންޒިލް، އަހުމަދު އިބުރާހިމްގެ މައްޗަށެވެ.

މި މައްސަލައިގެ ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ މައްސަލާގައި ދައުވާ ސާބިތުކުރެވޭ ވަރަށް ޝަރީއަތަށް ހެކި ހުށަހެޅިފައިނުވާކަ މަށެވެ. އަދި ހުށަހެޅިފައިވާ ދެ މީހުންގެ ހެކިބަސް ނެގި އިރު އެ ހެކިބަހުން ނުއުމާނާއި އަހުމަދު އިބުރާހިމް ކުށްކުރިކަން އެނގެން ނެތް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ނުއުމާނާއި އަހުމަދު އިބްރާހީމްގެ މައްޗަށް ވައްކަންކުރުމުގެ ދައުވާ ދައުލަތުން ކުރީ އޮކްޓޯބަރު ،7 2009ގައި ހޯރުފުށީ ދެ ގެއެއްގެ ކައިރީ ޕާކްކޮށްފައި ހުރި ދެ ސައިކަލެއް ވަގަށް ނެގިކަމަށް ބުނެ އެވެ.

އެދެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައި ވަނީ އެ ދެ ސައިކަލު ވަގަށް ނަގައި ރޯކޮށްލި ކަމަށް ބުނެ އެވެ.

މި މަހުގެ 10 ވަނަ ދުވަހު ބޭއްވި އެ މައްސަލައިގެ ހެކިބަސް ނެގުމުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިން ދެ މީހުންގެތެރެއިން އެކަކު ބުނެފައި ވަނީ ސައިކަލުގައި ރޯކޮށްލީ ނުއުމާން ކަމަށް ބުނަން ނޭނގޭ ކަމަށެވެ. އަދި ސައިކަލްގައި ރޯކޮށްލާނެކަމުގެ އިންޒާރެއް ވެސް ނުއުމާންދީފައިނުވާ ކަމަށް އޭނާ ބުނެފައިވެ އެވެ. ނަމަވެސް ނުއުމާން ދިރިއުޅޭ އަވަށުގައި ބާރަށް ސައިކަލު ދުއްވާތީ ޖެހުނު މައްސަލައެއްގައި "އަހަންނަށް އުނދަގޫވެއްޖެއްޔާ ވާނެ ގޮތް އެނގޭނެއޭ" ނުއުމާން ބުނެފައިވާ ކަމަށް ހެކިބަސްދެމުން އެ ދުވަހު އޭނާ ބުނެފައިވެ އެވެ.

އެ ދުވަހު ހެކިބަސް ދިން ދެވަނަ މީހާ ބުނެފައި ވަނީ ސައިކަލުގައި ރޯކޮށްލީ ނުއުމާނު ނުވަތަ އަހުމަދު އިބުރާހިމް ކަން ބުނަން ނޭނގޭ ކަމަށެވެ. ނަމަވެސް ސައިކަލު ދުއްވާތީޖެހުނު މައްސަލައެއްގައި "އަހަންނަށް އުނދަގޫވެއްޖެއްޔާ ބުނާކަށް ނުހަދާނަމޭ" ނުއުމާން ބުނެފައިވާ ކަމަށް ހެކިބަސްދެމުން އޭނާ ބުނެފައިވެ އެވެ.

އެ މައްސަލައިގައި ގިނަ އަދަދެއްގެ ހެކިން ދައުލަތުން ހުށަހެޅި ނަމަވެސް ގާޒީ ވިދާޅުވީ ދައުލަތުން ހެކިބަސް ނެގުމަށް ހުށަހެޅި އެއްވެސް މީހަކީ މަންޒަރުދުށް ބަޔަކަށް ނުވާތީ ހެކިބަސްނެގި ދެ މީހުން ފިޔަވައި އިތުރު އެއްވެސް މީހެއްގެ ހެކިބަސް ނުނަގަން ނިންމާފައިވާ ކަމަށެވެ.

ގާޒީ ވިދާޅުވީ ދައުލަތުން އެ ދައުވާކޮށްފައި ވަނީ އިއުތިރާފްގެ މައްޗަށް ބިނާކޮށްކަމަށްވާއިރު ދައުވާލިބޭ ދެ މީހުންވެސް އެ އިއުތިރާފުން ރުޖޫއަ ވެފައިވާ ކަމަށެވެ. އެހެންކަމުން މަންޒަރު ނުފެންނަ ބަޔަކު ހާޒިރުކޮށް ހެކިބަސް ނެގުމަކީކޯޓާއި ދައުލަތުގެ ވަގުތު ގެއްލޭނެ ކަމެއް ކަމަށްވާތީ ހެކިބަސް ނުނަގަން ނިންމެވީ ކަމަށް ގާޒީ ވިދާޅުވި އެވެ.