މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލު ކުރެއްވުން މިމަހުގެ 25 ވާ ބުރާސްފަތި ދުވަހުގެތޭ ބާއްވާގޮތަށް ނިންމައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުން އޮންނާނީ 25 ވަނަ ދުވަހުގެރޭ ދަރުބާރުގޭގައި ކަމަށެވެ. މި ބައްދަލުވުމަށް އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށާއި އިއްޒަތްތެރިންނަށް އަދި ބޭރުގެ ޑިޕްލޮމޭޓުންނަށްވެސް ދައުވަތު ދެއްވާނެއެވެ.

މީގެ އިތުރުން މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރެއްވުން މިނިވަންދުވަހުގެ ހެނދުނު އޮންނާނެއެވެ.

އެމަނިކުފާނު ގައުމާ މުހާތަބު ކުރައްވާނީ ހަބަރުފަތުރާ ވަސީލަތްތައް މެދުވެރި ކޮށް އެދުވަހުގެ ހެނދުނު 10 ޖަހާއިރުއެވެ.

އިނގިރޭސިންގެ ހިމާޔަތުގައި އޮތުމަށްފަހު ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައެވެ. މިއަހަރު ފާހަގަ ކުރަނީ ރާއްޖޭގެ 54 ވަނަ މިނިވަންދުވަހެވެ.