21 Jul 2019, 19:40
ރާއްޖެ ސަރަހައްދުތަކަކަށް ބަހާލައިގެން ތަރައްގީ ކުރާއިރު ޓްރާންސްޕޯޓު ލިންކަކުން ގުޅާލުމަކީ އަމާޒެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ޕްލޭނިން މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ޑޮމެސްޓިކް މެރިޓައިމް ޓްރާންސްޕޯޓު ފުޅާކޮށް، ފަތުރާލުމަކީ އަމާޒެއް ކަމަށެވެ.
"ރާއްޖެ ތަރައްގީވުމުގައި ދިވެހިންނަށް އޮތް ހުރަހަކީ އެއްތަނުން އަނެއްތަނަށް ދަތުރުފަތުރު ކުރުމުގައި އުޅޭ ދަތިތަކާ، ދަތުރުފަތުރު ކުރުމުގައި ހަރަދު ބޮޑުކަން، އެއްވެސް ވަރަކަށް ރިލަޔަބަލް ގޮތެއްގައި އެކަން ނުކުރެވޭތީ ރައްޔިތުންނަށް ތަރައްގީވުމުގައި ދަތިތަކެއް ހުރީ،" މިނިސްޓަރު ވިދާޅުވީ ޑޮމެސްޓިކް މެރިޓައިމް ޓްރާންސްޕޯޓު ސިސްޓަމަކީ ރާއްޖެ ތަރައްގީ ކުރުމުގައި ކޮންމެހެން އޮންނަން ޖެހޭ ކަމެއް ކަމަށެވެ.
"އަމާޒަކީ މިއީ ޕަބްލިކް ޓްރާންސްޕޯޓި ސިސްޓަމެއްކަމުގައި ހެދުން. މުސްތަގުބަލުގައި ވަކި ހިސާބަކަށް ދިޔައީމާ ޕްރައިވެޓް އޯނާޝިޕް އޭގެ ތެރެއަށް އަންނަންޏާ ޕްރައިވަޓައިޒް ކުރެވިދާނެ،" އެކަންތައް ރަނގަޅަށް ފަށައިނުގަނެވެނީސް ޕްރައިވަޓައިޒްކޮށްފިނަމަ އެންމެ ރަނގަޅަށް ހިނގައި ނުގަނެދާނެ ކަމަށާއި ކުރީގެ ތަޖުރިބާގައިވެސް އެކަން އޮތީ އެގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ސަރަހައްދީ ތަރައްގީގެ ޕްލޭންތައް ހެދި އެ މަސައްކަތްތައް އެބަ ހިނގަމުންދޭ، ކެބިނެޓުގައިވެސް އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވިއްޖެ،" މިނިސްޓަރު ވިދާޅުވިއެވެ.
ކުރިއަށް އޮތް އެއް މަސްތެރޭ ތަރައްގީގެ ޕްލޭން އެކުލަވާލެވި އާންމު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މެރިޓައިމް ޓްރާންސްޕޯޓު ނެޓުވޯކެއްގެ އިތުރުން ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށަކުން ފުރައިގެން 20 މިނެޓުން ދެވޭ ހިސާބެއްގައި އެއާޕޯޓެއް ބޭއްވުމަކީވެސް ސަރުކާރުގެ ސިޔާސަތެކެވެ. މިނިސްޓަރު އަސްލަމް ވިދާޅުވީ 20 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓު ގާއިމް ކުރުމަށް ހުރަސްތައް ކުރިމަތިވާނަމަ އެކަމަށްވެސް އެހެން ގޮތެއް ހޯއްދަވާނެ ކަމަށެވެ.