ފީފާ ބެލޮން ޑީ'އޯ އެވޯޑަށް ބްރެޒިލްގެ ޒުވާން ފޯވާޑް ނޭމާ ނޮމިނޭޓްވި ރިޕޯޓުތައް އަޑު އެހީ އުފަލާއި އެކު ކަމަށް ނޭމާ ބުނެފި އެވެ.

އުމުރުން 19 އަހަރުގެ ބްރެޒިލް ފޯވާޑް ނޭމާ ވަނީ ސަންޓޯސް އަށް އެންމެ ފަހުން ކުޅުނު މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށް ދީފައެވެ. ބްރެޒިލް ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެތްލެޓިކޯ ޕަރަނޭންސޭ އަތުން 4-1 ލަނޑުން ސަންޓޯސް މޮޅުވި މެޗުގައި އެޓީމުން ކާމިޔާބު ކުރި ހުރިހާ ލަނޑެއް ފެނިފައިވަނީ ނޭމާގެ ފަރާތުންނެވެ.

ސަންޓޯސްގެ ސީނިއާ ޓީމާއި 2009 ވަނަ އަހަރު ގުޅުނު ފަހުން ނޭމާ ވަނީ އެކުލަބަށް 78 ލަނޑު ކާމިޔާބު ކޮށްދީފައެވެ. މިއީ އުމުރުން ނަވާރަ އަހަރުގެ ކުޅުންތެރިއެއްގެ ކެރިޔަރުގައި ލިބޭނެ ބޮޑު ކާމިޔާބީ އަކަށް ވާނެ ކަމާއި މެދު ޝައްކެއް ނެތެވެ.

"ބްރެޒިލް ގައި ކުޅެމުންދާ އިރު، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގައި ހިމެނިގެން ދިޔަކަމީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. އަހަރެންގެ ކެރިޔަރުގައި ދިމާވި ރަގަޅު ކަންތައްތަކާއި ނުރަގަޅު ކަންތައްތަކަށް އަހަރެން އުފާކުރަން. އަހަރެންނަށް ލިބެމުންދާ ކާމިޔާބީތަކަށް އެންމެންނަށް ވެސް ޝުކުރު އަދާކުރަން ބޭނުން. އަހަރެން އަބަދުވެސް ފުޓުބޯޅައަށް ލޯބިކުރަން." ނޭމާ ބުންޏެވެ.

މިސީޒަނުގައި ނޭމާ ހޯދުމަށް ޔޫރަޕުގެ ބޮޑު ކުލަބުތަކަކުން މަސައްކަތް ކޮށްފައި ވެއެވެ. އެގޮތުން މިސީޒަން ފެށުމުގެ ކުރިން ޗެލްސީ އާއި، ރެއާލް މެޑްރިޑް އަދި ބާސެލޯނާ ފަދަ ބޮޑެތި ކުލަބުތަކަކުން ނޭމާ ހޯދުމަށް މަސައްކަތް ކޮށްފައި ވެއެވެ.