21 Jul 2019, 14:11
ސަރުކާރުގެ އަމާޒަކީ ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު ސަރަހައްދީ ތަރައްގީގެ ޕްލޭން ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށް ނިންމުން ކަމަށާއި ބަދަލު ނުކުރެވޭނެ މިންވަރަކަށް އެކަން ކުރަންޖެހޭނެ ކަމަށް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ޕްލޭނިން މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ބަދަލުވާއިރަށް، ތަރައްގީގެ ޕްލޭނުތަކަށް ބަދަލު ގެނެސްގެން ރާއްޖެއަށް ތަރައްގީ ނާންނާނެ ކަމަށެވެ.
"ސަރުކާރުގެ އަމާޒަކީ ފަސް އަހަރުގެ ދައުރު ނިމިގެން ދާންވާއިރަށް އަޅުގަނޑުމެންނަށް ސަރަހައްދީ ތަރައްގީގެ ޕްލޭން ރާއްޖޭގައި އިމްޕްލިމެންޓު ކުރުމަށް ބޭނުންވާ ފައުންޑޭޝަން އެޅުން. ބަދަލު ނުވާނެ މިންވަރަކަށް އަޅުގަނޑުމެނަށް އެކަން ކުރެވެން ޖެހޭނެއޭ. ކޮންމެ ފަހަރަކު ސަރުކާރު ބަދަލުވާއިރު ސަރުކާރުގެ ސިޔާސަތު ބަދަލުވެ [ދިޔުން ރަނގަޅެއް ނޫން،]" މިނިސްޓަރު ވިދާޅުވި އެވެ.
"މިސާލަކަށް މިދިޔަ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ރާއްޖޭގެ ބޮޑު ބަޔެއް މާލެ ސަރަހައްދަށް ޖަމާކުރުން. އަޅުގަނޑުމެންގެ ވިސްނުން މިހުރީ ހަމަ މުޅި ރާއްޖޭގެ ކަންކޮޅުތަކަށް ފެތުރިގެންދާ ތަރައްގީ ގެނައުން. އަނެއްކާ ދެން އަންނަ ސަރުކާރަކުން މިކަންކަން ބަދަލު ނުކުރާނެ ގޮތަކަށް ވާންޖެހޭ. އިރު އިރުކޮޅާ އެފަދަ ބޮޑު ބަދަލުތައް ގެނެސް ކޮމްޕްލީޓް ޔޫ ޓާނެއް އެޅުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް ނުފެނޭ،"
އޭނާ ވިދާޅުވީ، އަމާޒަކީ ޕްރޮޖެކްތުތަކުގެ ފައުންޑޭޝަން އަޅާއިރު ބޮޑެތި ބަދަލުތައް ނުގެނެވޭނެހެން އެ ފައުންޑޭޝަން އެޅުން ކަމަށެވެ.
މި ސަރުކާރުގެ މަސައްކަތުގެ ސްޕީޑާ ގުޅޭގޮތުން ފާޑުކިޔުންތައް އަމާޒުވާކަމަށާއި ނަމަވެސް އެކަމާ ކަންބޮޑުވުމެއް ނެތްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ތަރައްގީގެ ޕްލޭން އެކުލަވާލާ މަހެއްހައި ދުވަސް ތެރޭ އާންމު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ފަސް އަހރު ނިމޭއިރު އެ ކަންތައްތައް ކުރިއަށްދާނެ ކަމަށާއި ޕްރޮޖެކްޓުތައް ހިންގާނީ ދެން އަންނަ ބަޔަކަށް އެކަން ފަސޭހައިން ބަދަލު ނުގެނެވޭނެހެން ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖެ ތަރައްގީ ކުރުމަށް މި ސަރުކާރުން ނިންމާފައިވަނީ ފަސް ސަރަހައްދަކަށް ބަހާލައިގެން އެވެ. އެއާއެކު ނުވަ ސަބް ރީޖަނަކަށް ރާއްޖެ ބަހާލައި، ޕްލޭންތައް ކުރިއަށްގެންދާނީ އެ ރީޖަންގެ ހުރިހާރަށެއް ބައިވެރިކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.