މޯލްޑިވަސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ވަގަށް ވަދެ އަތަނުގެ ހިއުމަން ރިސޯސް (އެޗްއާރު) ޑިޕާޓްމެންޓުން ވައްކަން ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެމްޕީއެލްގެ ހެޑް އޮފީހުން ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރޭ 21:45 ގައި ހުށަހަޅާފައިވާ ކަމަށެވެ.

އެމްޕީއެލްގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ، ހެޑް އޮފީސް ފަޅާލި ވަގަށް ވަދެވިފައިވަނީ އެޗްއާރު ޑިޕާޓްމެންޓަށް ކަމަށާއި އެތަނުގައި ހުރި ލިޔެކިޔުންތައް ހާވައި ބައެއް ތަކެތި ގެންގޮސްފައިވާ ކަމަށެވެ.

އެހެން ނަމަވެސް އޭނާ ވަގަށް ގެންގޮސްފައިވަނާ މުހިންމު ލިޔެކިޔުންތަކެއް ކަމަށް ނުބެލެވޭ ކަމަށާއި ވަގަށް ވަތް މީހާ ހުރީ މަސްތުގެ ހާލުގައި ކަމަށް ބެލެވޭ ކަމަށެވެ.

އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގް ކުރަމުންނެވެ.