31 Oct 2011, 11:21
މެންޗެސްޓާ ސިޓީގައި ހޭދަކުރި ދުވަސްތަކަކީ ބޮލުގަ ރިހުމެއްގެ ގޮތުގައި އެކުލަބުން ޓޮޓެންހަމް އަށް ލޯނުގެ ދަށުން ދޫކޮށްފައިވާ ޓޯގޯ ފޯވާޑް އެމަނުއެލް އަޑެބަޔޯ ފާހަގަ ކޮށްފި އެވެ.
މެންސިޓީގެ ކުޅުންތެރިއަކަށް ވުމަށް ބޭނުން ނުވާކަމަށް ވެސް އަޑެބަޔޯ ބުންޏެވެ.
މެންސިޓީގެ ކޯޗުކަމުގައި މާކް ހިއުސް ހުރިއިރު، އުމުރުން 27 އަހަރުގެ އަޑެބަޔޯ ވެފައިވަނީ އެޓީމުގެ މުހިންމު ކުޅުންތެރިއަކަށެވެ. ޕްރެމިއާ ލީގުގައި މެންސިޓީ އަށް ކުޅުނު 25 މެޗުން 18 ގޯލު އަޑެބަޔޯ ކާމިޔާބު ކޮށްދީފައި ވެއެވެ. ނަމަވެސް 2010 ވަނަ އަހަރު ޓީމާއި ރޮބާޓޯ މަންޗިނީ ހަވާލުވުމުން އަޑެބަޔޯގެ މަގާމު ގެއްލިފައި ވެއެވެ.
މެންސިޓީގައި މިދިޔަ ސީޒަނުގެ އެއްބައި ހޭދަކުރި ނަމަވެސް، އަނެއް ބައި ހޭދަކުރީ ރެއާލް މެޑްރިޑުގައި ލޯނުގެ ދަށުގައެވެ. ރެއާލް ގައި ހޭދަކުރި ދުވަސްތައް ވެސް އަޑެބަޔޯ އަށް ވެފައިވީ ކާމިޔާބީ ދުވަސްތަކަކަށެވެ. މިސީޒަނަށް ލޯނުގެ ދަށުން ޓޮޓެންހަމް އަށް ބަދަލުވެ އަޑެބަޔޯ ދަނީ ފުރަތަމަ އެގާރައިން ޖާގަ ހޯދައި މުހިންމު ލަނޑުތަކެއް އެޓީމަށް ކާމިޔާބުކޮށް ދެމުންނެވެ.
"މެންސިޓީގެ ކުޅުންތެރިއެއްގެ ގޮތުގައި ހުންނަން ބޭނުންތޯ އަހައިފިނަމަ، އަހަރެން ޖަވާބަކީ ނޫނެކޭ. މެންސިޓީގެ ފަރިތަކުރުންތަކަށް ދާ ކޮންމެ ދުވަހެއް ވެފައިވީ ބޮލުގަ ރިހުމަކަށް. ކިތަންމެ ހިތްފަސޭހަ، ބޮޑު ގެއެއްގައި އުޅުނަސް، އެމީހެއްގެ ކުލަބުގައި އުފަލުގައި އުޅެން ބޭނުންވާނެ. ޓޮޓެންހަމް އިން ފެންނަނީ ޖިމް އަށް ގޮސް ކުޅުންތެރިން ބުރަކޮށް މަސައްކަތް ކުރާ މަންޒަރު. އެއީ އަހަރެން ބޭނުންވާ ގޮތަކީވެސް." އަޑެބަޔޯ ބުންޏެވެ.
ޓޮޓެންހަމްގެ ކޯޗު ހެރީ ރެޑްނެޕް އަށް ވެސް އަޑެބަޔޯ ތަޢުރީފު ކުރިއެވެ. "ރެޑްނެޕް އަކީ މޮޅު ކޯޗެއް. އޭނާ އަށް އެނގޭ ކުޅުންތެރިންނާއި ވާހަކަ ދައްކަން. ދަނޑަށް އަރާ ކުޅެންވާނެ ގޮތް ކޯޗް ރެޑްނެޕް ވަރަށް ސާފުކޮށް ކިޔައިދޭ. އެއީ އެހެން ކޯޗެއްގެ ފަރާތުން ނުފެންނަ ސިފައެއް." އަޑެބަޔޯ ބުންޏެވެ.