14:30


ހަލާކުވެފައިވާ އަރަބިއްޔާ ސްކޫލްގެ އިމާރާތް ވަރަށް އަވަހަށް ތަޅާލައި، އާ އިމާރާތެއް އެޅުމަށް ސަރުކާރުން ނިންމައިފި އެވެ.


ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތޮފާ ލުތުފީ މިއަދު ވިދާޅުވީ އަރަބިއްޔާގެ ހުޅަނގުން ހުރި އަރަބިއްޔާގެ އިމާރާތް ބާވެ، އެ އިމާރާތުގައި ކުދިންނަށް ކިޔެވޭނެ ޖާގަނެތިގެން، އެހެން ތަނަކަށް ބަދަލުކުރުމާއެކު އެޑިއުކޭޝަން މިނިސްޓްރީން އަރަބިއްޔާގެ އިމާރާތް ތަޅާލުމަށްފަހު އާ އިމާރާތެއް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ނަމަވެސް އަހަރުގެ މެދު ތެރެއިން ބަޖެޓްގައި ހިމެނިފައިނެތް ކަމެއް ކުރަންޖެހުމުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހުނު ކަމަށްވެސް ޑރ. މުސްތޮފާ ވިދާޅުވި އެވެ. ނަމަވެސް މިހާރު އެމަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވަރަށް އަވަހަށް އެތަން ތަޅާލާ އެތަނުގައި އާ އިމާރާތެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވި އެވެ.


ޑރ. މުސްތޮފާ ލުތުފީ އިތުރަށް ވިދާޅުވީ އަރައްބިއްޔާގެ ބާ އިމާރާތްތަޅާލުމަށްފަހު އެތަނުގައި އާ އިމާރާތެއް އެޅުމަށް ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި އަދި ގާތްގަނޑަކަށް އަހަރު ދުވަހުގެ ތެރޭގައި އަރަބިއްޔާގެ އާ އިމާރާތް އަޅާ ނިމޭނެ ކަމަށް ވެސް ޑރ. މުސްތޮފާ ވިދާޅުވި އެވެ. އަދި އެތަނުގައި ހުރި ބާ އިމާރާތް ވީހާވެސް އަވަހަކަށް ތަޅާލުމަށް މާލޭ މުނިސިޕަލްޓީގައި އެދިވަޑައިގެންފައިވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.


ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ ވީހާވެސް އަވަހަކަށް އެ އިމާރާތް ތަޅާލުމަށް އެޑިއުކޭޝަން މިނިސްޓަރ އެދިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެކަންތައް ރަސްމީކޮށް ހުށަހަޅުއްވާތާ ހަފްތާއެއްގެ ތެރޭގައި އަރަބިއްޔާގެ ބާ އިމާރާތް ތަޅާލުމަށް މާލޭ މުނިސިޕަލްޓީ އަށް މާ ބޮޑު އުދަނގުލަކަށް ނުވާނެ ކަމަށްވެސް އާދަމް މަނިކު ވިދާޅުވި އެވެ.