21 Jul 2019, 11:20
ނިއުދިއްލީ (ޖުލައި 21) : އިންޑިއާގައި ގަވައިދާ ޚިލާފަށް ބޭރު ގައުމެއްގެ އެއްވެސް މީހަކަށް ނޫޅެވެނެ ކަމަށާ ގަވައިދާ ހިލާފަށް އުޅޭ އެންމެން އިންޑިއާއިން ބޭރުކުރާނެކަމުގެ އިންޒާރު އެގައުމުގެ ދާޚިލީ ވަޒީރު އަދި ވެރިކަންކުރާ ބީޖޭޕީގެ ރައީސް އަމީތު ޝާހު ދެއްވައިފި އެވެ.
އިންޑިއާގެ ޕާލަމެންޓްގެ ދަށުގެ ލޮކްސަބްހާގައި ވާހަކަ ދައްކަވަމުން އަމީތު ޝާހު ވިދާޅުވީ ސަރަހައްދީ ރޮނގު ހުރަސްކޮށް ގަވައިދާ ހިލާފަށް އިންޑިއާއަށް ވަދެގެންއުޅޭ ބޭރު މީހުންނަށް ދެން އިންޑިއާގައި ނޫޅެވޭނެ ކަމަށާ އިންޑިއާގައި އުޅެވޭނީ އިންޑިއާގެ ރައްޔިތުންނަށާ އަދި ވިސާ ލިބިގެން އުޅޭ ބޭރު މީހުންނަށް ކަމުގަ އެވެ. އިންޑިއާގެ ރަށްވެހިންނާ އެގައުމުގައި ގަވައިދާ ހިލާފަށް ދިރިއުޅޭ ބޭރު މީހުން އެނގޭ ގޮތަށް ގައުމީ ދަފްތަރު އަލުން އިސްލާޙުކޮށް ގަވައިދާ ޚިލާފަށް އުޅޭ ބޭރު މީހުން ޑީޕޯޓްކުރުމަކީ ފާއިތުވި އިންތިޚާބުގައި ބަރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ން ރައްޔިތުންނަށް ހުށަހެޅި މެނިފެސްޓޯގައި ވެސް ހިމެނޭކަމެއް ކަމަށާ އެކަން ކަނޑައެޅިފައިވާ ތާރީޚުގައި މޯދީގެ ސަރުކާރުން ކޮށް ނިންމާނެ ކަމަށް އަމީތު ޝާހު ވިދާޅުވި އެވެ.
މިގޮތަށް އަމަލުކުރުމުގައި ބީޖޭޕީގެ ބޭނުމަކީ މީގެ ފަސްދޮޅަހަކަށް އަހަރުކުރިން އިންޑިއާއަށް ހިޖްރަކޮށްގެން އުޅޭ ބަންގްލަދޭޝް އާއި އަދި ރޮހިންގާ ދަރިކޮޅުގެ މުސްލިމުން ބޭރުކޮށްލުން ކަމަށް އިންޑިއާގެ މުސްލިމުން ތުހުމަތުކުރެ އެވެ. އިންޑިއާގެ ޔުނިޔަން މިނިސްޓްރީ (ދާޚިލީ ވުޒާރާ) އިން ވަނީ އެގައުމުގައި ދިގުމުއްދަތަކަށް ގަވައިދާ ހިލާފަށް ދިރިއުޅެފައިވާ މީހުންގެ ތެރެއިން މުސްލިމުން ފިޔަވައި އެނޫން ދީންތަކުގެ މީހުންނަށް ރައްވެހިކަމަށް ބޭނުންވާ ލިޔުންތައް ފުރިހަމަކޮށްދީގެން އެމީހުން އިންޑިއާގެ ރައްވެހިންނަށް ވުމުގެ ފުރްސަތު ދިނުމަށް ނިންމާފަ އެވެ.
ދިގުމުއްދަތަކަށް ގަވައިދާ ހިލާފަށް ދިރިއުޅެފައިވާ މުސްލިމުންގެ ތެރެއިން ކަމާ ބެހޭ ލިޔުންތައް ކުރިން ލިބިފައިވަނީ މަދުބައަކަށެވެ. މިދިޔަ އަހަރު މިފަދަ މީހުން ރަޖިސްޓްރީ ކުރުމަށް އަލުން ހުޅުވާލި އިރު އިންޑިއާގެ ރައްވެހިކަން ހޯދުމަށް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ލިޔެކިއުންތައް ފުރިހަމަވެފައިވަނީ ނިސްބަތުން މަދު އަދަދެއްގެ މުސްލިންނަށެވެ. ގާތްގަނޑަކަށް ހަތަރު މިލިޔަން މުސްލިމުންގެ ވަނީ ލިޔެކިޔުންތައް ނެތްކަމަށް ބުނެ އިންޑިއާގެ ރައްވެހިކަން ހޯދުމަށް ރަޖިސްޓްރީ ކުރުމުގެ ފުރްސަތުން މަހްރޫމް ކޮށްފަ އެވެ. ނަމަވެސް މިއީ އިންޑިއާގައި ދިރިއުޅޭތާ ދަސްދޮޅަހަކަށް އަހަރު ވީ މުސްލިމުންނާއި އެމީހުންގެ ދަރިންނާއި ދަރިންގެ ދަރިންނެވެ. މިފަދަ މީހުން މައިގަނޑު ގޮތެއްއްގައި ދިރިއުޅެނީ އާސާމް އާއި ވެސްޓް ބެންގޯލް ސްޓޭޓްގަ އެވެ.
ލޮކް ސަބްހާގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ދާޚިލީ ވަޒީރު އަމީތު ޝާހު ވިދާޅުވީ އިންޑިއާގެ ބިމުގެ ކޮންމެ އިންޗިއެއް ވަކިވަކިން ބަލާ ފާސްކޮށް، ގަވައިދާ ހިލާފަށް އެގައުމަށް އެތެރެވެގެން އުޅޭ މީހުން، ޑީޕޯޓްކޮށްލާނެ ކަމުގަ އެވެ. އިންޑިއާގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ގަވައިދާ ހިލާފަށް އެތެރެވާ މީހުން ދެނެގަތުމާއި ސަރަހައްދީ ރޮނގުތަކުގައި ފެންސްޖަހައި ބަންދުކުރުމާއި އައުޓްޕޯސްޓައް ގާއިމުކުރުން ފަދަ މަސައްކަތްތައް ކުރިޔަށް ގެންދާކަން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. (ނޫސްއެޖެންސީތައް)