31 Oct 2011, 11:19
މެންޗެސްޓާ ޔުނައިޓެޑް ގެ ޒުވާން އިނގިރޭސި ޑިފެންޑަރު ކްރިސް ސްމޯލިންގް ގެ ފައިގެ ކަށިގަނޑެއް ބިންދައިގެން ދިއުމުގެ ސަބަބުން، ސްމޯލިންގް އަށް އެއްމަސް ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހިފައިވާ ކަމަށް އެކުލަބުގެ ކޯޗު ސާ އެލެކްސް ފާގަސަން ބުނެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ޕްރެމިއާ ލީގުގައި އެވަޓަން އާއި ދެކޮޅަށް ކުޅެ 1-0 ލަނޑުން މެންޔުނައިޓެޑް މޮޅުވި މެޗގައި ވެސް އުމުރުން 21 އަހަރުގެ ސްމޯލިންގް ފެނިފައެއް ނުވެއެވެ.
"ސްމޯލިންގް ފައިގެ ކުޑަ ކަށަގަނޑެއް ބިންދައިގެން ގޮސްފައިވަނީ. މިއަނިޔާ އާއި ގުޅިގެން އެއްމަސް ދުވަހު ކުޅުމާއި ދުރުގައި ސްމޯލިންގް އަށް ހުންނަން ޖެހިދާނެ ކަމަށް ބެލެވޭ." މެންޔުނައިޓެޑްގެ ކޯޗު ފާގަސަން ބުންޏެވެ.
އެއް މަސް ދުވަހުގެ މުއްދަތަކަށް ސްމޯލިންގް އަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެ ނަމަ، މުހިންމު މެޗުތަކެއް އޭނާ އަށް ގެއްލިގެން ދާނެއެވެ. އެގޮތުން އަންނަ ނޮވެމްބަރު މަހު ސްޕެއިން އާއި ސްވިޑަން އާއި ދެކޮޅަށް އިނގިރޭސި ގައުމީ ޓީމު ބައްދަލުކުރާ ދެމެޗާއި، ޗެމްޕިއަންސް ލީގުގައި އޮޓެލުލް ގުލާޓީ އާއި ބެންފީކާ އާއި ދެކޮޅަށް ކުޅޭ ދެމެޗާއި، ސަންޑަލޭންޑާއި ސްވަންސީ އާއި ދެކޮޅަށް ޕްރެމިއާ ލީގުގައި މެންޔުނައިޓެޑް ކުޅޭ މެޗުތައް ގެއްލިގެން ދާނެއެވެ.