މޮރިޝަސް ސަރުކާރުގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އަނބިކަނބަލުން ފަޒްނާ އަހުމަދު މޮރިޝަސްއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެގައުމުގެ ބޮޑު ވަޒީރު ޕްރަވިންދް ޖަގްނައުތްއާ މިއަދު ބައްދަލު ކުރައްވައި މަޝްވަރާކުރައްވައިފި އެވެ.

އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުމާއި އަދި ކުރިމަގުގައި މި ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

އެގޮތުން ވަކިން ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑު ދަތުރުފަތުރާ ގުޅުންހުރި ދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ އިއްޔެ އެމަނިކުފާނުގެ ދެ ކަނބަލުންނާއި ދިވެހި ޑެލިގޭޝަނަށް މޮރިޝަސްއިން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ.

އޭގެ އިތުރުން އިއްޔެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުނީތީ އުފާކުރައްވާކަން ހާމަކުރައްވައި މުބާރާތުގެ ކުރިޔަށް ހުރި ކުޅިވަރުތައް ވެސް ބައްލަވައިލެއްވުމަށް ވަރަށް ޝައުޤުވެރިވާކަން ރައީސް ހާމަކުރެއްވިއެވެ

ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި މޮރިޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 (އައި.އޯ.އައި.ޖީ) ބޭއްވުމުގެ މަގްސަދަކީ ކުދި ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ކުޅިވަރު މުބާރާތްތަކުގެ ޒަރީއާއިން ވެސް އެކުވެރިކަމުގެ ގުޅުން ބަދަހިކުރުންކަން ފާހަގަކުރެއްވި އެވެ.

އަދި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގައި ހުރިހާ ގައުމުތައް ގުޅިގެން އެއް އަޑަކުން ވާހަކަދެއްކުމުގެ މުހިންމުކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދެބޭފުޅުންގެ ވާހަކަފުޅުގައިވެސް ދެގައުމުގެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެ މިގޮތުގައި ދެމި އޮންނާނެކަމަށް އުންމީދުކުރައްވާކަން ހާމަކުރައްވާފައިވެއެވެ.