20 Jul 2019, 18:26
ގއ. މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ޝުކޫރާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އޭނައާ ސުވާލުކޮށްފިއެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ޝުކޫރުއާ ސުވާލުކޮށްފައި ވަނީ ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ގއ. ވިލިނގިލީގައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގއ. އަތޮޅަށް ދަތުރުކުރި ޖޭއެސްސީގެ ޓީމް މިހާރު ވަނީ އެނބުރި މާލެ އައިސްފައެވެ.
މެޖިސްޓްރޭޓް ޝުކޫރާ ގުޅޭގޮތުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ނިމިދިޔަ ރިޔާސީ އިންތިޚާބަށް ކެމްޕެއިންކޮށްދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވެސް ހިމެނެއެވެ.
މެޖިސްޓްރޭޓް ޝުކޫރާ ގުޅޭ ފަސް މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށް ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ގއ. ކަނޑުހުޅުދޫ ކޯޓުގެ މެޖިސްޓްރޭޓް ހަސަން ދީދީ އާ އިއްޔެ ވަނީ ސުވާލުކޮށް ބަޔާން ނަގާފައެވެ.
ގއ. އަތޮޅަށް ވަޑައިގެންނެވި ޖޭއެސްސީގެ ތަހުގީގު ޓީމްގައި ހިމެނިވަޑައިގަންނަވަނީ:
ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ
- ކޮމިޝަންގެ މެމްބަރު ހިސާން ހުސައިން
- ކޮމިޝަންގެ މެމްބަރު އިބްރާހިމް ރިފްއަތު
- ކޮމިޝަންގެ މެމްބަރު އަބްދުއްރައޫފް އިބްރާހިމް
- ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅު
ގއ. ދާންދޫ ކޯޓުގެ މެޖިސްޓްރޭޓް ލުއައްޔު އިބްރާހީމާ ގުޅޭގޮތުން ހުށަހެޅިފައިވާ ގިނަ މައްސަލަތަކެއް ވެސް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. އެ މައްސަލައާ ގުޅިގެން ބައެއް މީހުންނާ ސުވާލުކޮށް ވަނީ ބަޔާން ނަގާފައެވެ.