ޕްރެމިއާ ލީގުގައި ރޭ ވޭލްސްގެ ގެރަތް ބޭލް ގެ ދެލަނޑާއިއެކު ޓޮޓެންހަމް ހޮޓްސްޕާއިން ކިޔުޕީއާރު ގެ މައްޗަށް ހޯދި މޮޅާއިއެކު، ގަދަ ހަތަރަކަށް އެރުމަށް އެޓީމުން ކުރަމުން ދިޔަ މަސައްކަތަށް އިތުރު ލުޔެއް ލިބިއްޖެ އެވެ.

ގިނަ ފައުލްތަކަކާއި އެކު ވެސް ކާޑު ތަކެއް ނުފެނި ދިޔަ މިމެޗުގައި ޓޮޓެންހަމް އިން ގިނަ ހަމަލާތަކެއް އުފައްދާފައި ވެއެވެ. ޓޮޓެންހަމް އިން އުފެއްދި 25 ހަމަލާގެ ތެރެއިން ކިޔުޕީއާރު ގެ ގޯލާއި އަމާޒުވެފައިވަނީ 10 ހަމަލާއެވެ. ކިޔުޕީއާރް އިން އުފެއްދި ސާދަ ހަމަލާއިން ޓޮޓެންހަމްގެ ގޯލާއި އަމާޒުވެފައިވަނީ ތިން ހަމަލާއެވެ.

މެޗުގައި ލިބުނު ފުރަތަމަ ފުރުސަތު ވެސް ލިބިފައިވަނީ ޓޮޓެންހަމް އަށެވެ. މެޗުގެ ތިންވަނަ މިނެޓުގައި ޓޮޓެންހަމްގެ ރަފެއަލް ވެންޑަ ވާޓް ފޮނުވާލި ހަމަލާ ކިޔުޕީއާރް ގެ ކީޕަރު ޕެޓްރިކް ކެނީ ވަނީ ދިފާޢު ކޮށްފައެވެ. މިމެޗުގައި ކިޔުޕީއާރް ކޮޅަށް ގިނަ ގޯލުތަކެއް ވަނަނުދީ ސަލާމަތް ކޮށްދިނީ ކިޔުޕީއާރު ގެ އަޔަލޭންޑް ކީޕަރު ކެނީ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ފެނިފައިވަނީ ވިހި ވަނަ މިނެޓުގައި ޓޮޓެންހަމްގެ ފަރާތުންނެވެ. އިނގިރޭސި މިޑްފީލްޑަރު އާރޮން ލެނޮން ދިން ބޯޅައެއް ކިޔުޕީއާރު ގޯލު ތެރެއަށް ވައްދާލީ ބޭލް އެވެ. ބޭލްގެ ލަނޑު ފެނުންތާ ތޭރަ މިނެޓް ފަހުން ވެންޑަ ވާޓް ޓޮޓެންހަމް އަށް ލީޑު ފުޅާކޮށްދީފައި ވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފަށް ކިޔުޕީއާރު އިން ނުކުތީ ދެ ބަދަލަކާއި އެކުއެވެ. އެގޮތުން ޝޯން ޑެރީގެ ބަދަލުގައި ޖޭމީ މެކީ ކުޅެން އަރުވާ، ފޯވާޑް އަޑެލް ތާރަބަތް ގެ ބަދަލުގައި ޖޭ ބޮތްރޮއިޑް އެރުވިއެވެ. މިބަދަލާއި އެކު ކިޔުޕީއާރު އިން ވަނީ ކުޅުން ރަނގަޅު ކޮށް ލަނޑެއް ވެސް ކާމިޔާބު ކޮށްފައެވެ. މެޗުގެ 62 ވަނަ މިނެޓުގައި ކިޔުޕީއާރު އަށް މިލަނޑު ކާމިޔާބު ކޮށްދިނީ ބަދަލުކުޅުންތެރިޔާ ބޮތްރޮއިޑް އެވެ.

ޓޮޓެންހަމް އިން ހިފަހައްޓަމުން ދިޔަ ދެލަނޑުގެ ލީޑު ކިޔުޕީއާރު އިން ހަނިކުރިތާ ދިހަ މިނެޓް ފަހުން ބޭލް ވަނީ ދެވަނަ ލަނޑެއް ޖަހާ އަލުން ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ ނަތީޖާ ނިމިގެންދިޔައީ 3-1 ލަނޑުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

ޕްރެމިއާ ލީގުގެ ފަސް ވަނާގައި ޓޮޓެންހަމް އޮތް ނަމަވެސް، ތިންވަނާގައި އޮތް ޗެލްސީ އާއި ހަތަރު ވަނާގައި އޮތް ނިއުކާސަލް އާއި ޕޮއިންޓުގެ ގޮތުން އެއްވަރެވެ. މިތިން ޓީމަށް ވެސް ލިބިފައިވަނީ ނަވާރަ ޕޮއިންޓެވެ. ޗެލްސީ އާއި ނިއުކާސަލް ކުރީގައި އުޅެނީ ގޯލުގެ ތަފާތުންނެވެ. ލީގުގެ އެއްވަނާގައި މެންސިޓީ އޮތްއިރު، ދެވަނާގައި އޮތީ މެންޔުނައިޓެޑް އެވެ.