20 Jul 2019, 14:43
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ދިވެހިރާއްޖޭގައި ބޭއްވުމަށް ހުށަހަޅަންޖެހޭ ރަސްމީ ބިޑް، ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަޙްލޫފް މިއަދު ހުށަހަޅައި ދެއްވައިފިއެވެ.
މިއަހަރުގެ އައިއޯއައިޖީ ބާއްވަމުން އަންނަ މޮރީޝަސްގެ އިންޓަރކޮންޓިނެންޓަލް ހޮޓަލްގައި މިއަދު ހެނދުނު ބޭއްވި ބިޑް ހުށަހެޅުމުގެ ހަފްލާގައި މި މުބާރާތް 2023 ވަނަ އަހަރު ބޭއްވުމަށް ރާއްޖެއިން ބިޑު ހުށައެޅި އިރު މަޑަގަސްކަރ އަދި ކޮމޮރޮސް އިންވެސް ވަނީ ރަސްމީކޮށް ބިޑް ހުށަހަޅާފައެވެ.

އައިއޯއައިޖީ 2023އަށް ރަސްމީކޮށް ބިޑު ކުރުމުގެ ގޮތުން މޮރިޝަސްގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ// ޔޫތް މިނިސްޓަރީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ޓާގެޓު ކަމުގައިވާ އައިއޯއައިޖީގެ ބިޑު ރާއްޖެއިން ކާމިޔާބު ކުރުމުގެ ގޮތުން މިހާތަނަށް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ރައީސްގެ ހާއްސަ މަންދޫބުންގެ ގޮތުގައި މިނިސްޓަރު މަޙްލޫފް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ގޭމްސްގައި ވާދަކުރާ ހަތަރު ގައުމަކަށް ދާދި ފަހުން ވަޑައިގެން އެގައުމުތަކުގެ ރައީސުންނާއި ސަރުކާރުގެ އިސްފަރާތްތަކާ ބައްދަލުކޮށް އެގައުމުތަކުގެ ކުޅިވަރުގެ ހާލަތު ވެސް ދެނެގެންފަ އެވެ.
މި ދަތުރުފުޅުގައި އެ ދެ ބޭފުޅުން ވަޑައިގެންފައި ވަނީ ސީޝެލްސްއަށާއި މަޑަގަސްކަރަ އަދި މޮރިޝަސްގެ އިތުރުން ކޮމޮރޮސްއަށެވެ. އަދި އެ ގައުމުތަކަށް ވަޑައިގެން ރައީސް އިބްރާހިމް ސޯލިހުގެ ހާއްސަ ސިޓީފުޅެއް ވެސް ވަނީ ކޮންމެ ގައުމެއްގެ ރައީސަށް އަރުވައިފަ އެވެ.
މިއަދުގެ ޖަލްސާގައި ރާއްޖޭގެ ބިޑް ހުށަހަޅުއްވަމުން މިނިސްޓަރ މަޙުލޫފް ވިދާޅުވީ މި މުބާރާތަކީ ދިވެހިންގެ ހިތްތަކާ ގުޅިލާމެހިފައިވާ މުބާރާތެއް ކަމަށެވެ. އެގޮތުން އައިއޯއައިޖީއަކީ ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްކަމާއި، ދިވެހިރާއްޖެއިން ބައިނަލްއަގްވާމީ ފުޓުބޯޅައިގައި ޖެހި ފުރަތަމަ ގޯލް ޖެހީ މިމުބާރާތުގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކަނޑު ހުރަސްކޮށް މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއިން މި ސަރަހައްދުގެ އެހެން ގައުމުތަކަށް ދަތުރުކުރާތާ 40 އަހަރުވީ ކަމަށާއި އަދި އެންމެ ފަހަރަކުވެސް މުބާރާތުގައި ބައިވެރިނުވެ ދޫކޮށްލާފައިނުވާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ. އަދި އެކަންކަން ފާހަގަކުރައްވައި މިއީ ރާއްޖެއަށް މުބާރާތް ބޭއްވުމުގެ ފުރުސަތު ދޭންވީ ފަހަރުކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެއިން 2023 ވަނަ އަހަރުގެ އައިއޯއައިޖީއަށް ބިޑު ކުރަން ނިންމުމާ ގުޅިގެން އައިއޯއައިޖީގެ ޑެލިގޭޝަން ޓީމެއް ވެސް ދާދި ފަހުން ވަނީ ރާއްޖެއަށް އައިސްފަ އެވެ.
އައިއޯއައިޖީގެ ޑެލިގޭޝަން ޓީމަކީ ގޭމްސް ބާއްވަން ބިޑްކުރާ ގައުމުތަކުގެ ވަސީލަތްތައް ބަލައި މުބާރާތް ބޭއްވޭނެ ފެންވަރު ހުރިތޯ ބަލާ ޓީމެކެވެ. އެގޮތުން އެ ޓީމު ވަނީ ދިވެހި ރާއްޖެއަށް ވެސް ދާދި ފަހުން ޒިޔާރަތްކޮށް ސަރުކާރުގެ ފަރާތްތަކާ ބައްދަލުކުރައްވައިފަ އެވެ. އަދި މި ބައްދަލުވުންތަކަށް ފަހު އެ ބޭފުޅުންގެ ވާހަތައް ހުރީ ވަރަށް ޕޮސިޓިވްކޮށް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.