20 Jul 2019, 14:18
މިއަހަރުގެ ހައްޖު މޫސުމުގައި ރާއްޖެއިން ހައްޖަށްދާ ހައްޖާޖީންގެ ކަންތައް ބެލެހެއްޓުމަށް ދިވެހި ހައްޖު މިޝަނުގެ އޮފީސް ސައުދީގައި ގާއިމްކޮށް މަސައްކަތް ފަށައިފިއެވެ.
ހައްޖު މިޝަންގެ މަސައްކަތުގެ ތެރޭގައި ހާޖީންގެ ކަންތައް ގާތުން ބަލައި މޮނީޓާކުރުމާއި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ދާ ދިވެހިން މާދަމާ ފުރަން ފަށާނެއެވެ. އެންމެ ފަހު ގްރޫޕު ފުރާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ.
ހައްޖުގެ މަތިވެރި އަޅުކަމަށް ދާ ދިވެހިންނަށް ހުރި އިންތިޒާމުތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިއްޔެ އިސްލާމިކް މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ ހުރިހާ ހާޖީންނަށް މަރުހަބާ ކިޔުމަށް ހައްޖު މިޝަނުގެ އޮފިޝަލުން ޖިއްދާ އެއާޕޯޓުގައި ހަރަކާތްތެރިވާނެ ކަމަށެވެ.
"ހުރިހާ ހައްޖުވެރިން އެކޮޅަށްދާއިރު ޖިއްދާ އެއާޕޯޓުން ހާޖީންނަށް މަރުހަބާކިޔުމަށް ރާއްޖޭގެ ސަރުކާރުގެ ހައްޖު މިޝަން އޮންނާނެ. އަދި އެ ފަރާތްތަކުން ހައްޖުވެރިންގެ ކަންތައްތައް ވީހާވެސް ލުއި ފަސޭހަކޮށް ގެންދިޔުމަށް ކުންފުނިތަކަށްދޭންޖެހޭ އެހީތެރިކަން ދޭނެ. އަދި ހައްޖުގެ ކަންތައްތަކާ ގުޅޭ ތަފްސީލީ ދިރާސާއެއްވެސް ކުރެވިގެންދާނެ،" ޝާފިއު ވިދާޅުވިއެވެ.
މިއަހަރުގެ ހައްޖު ދުވަހަކީ އޮގަސްޓު 10 ވާ ހޮނިހިރު ދުވަހެވެ. ރާއްޖެއިން ހައްޖަށް ދިޔުމަށް ސައުދީ އިން ވަނީ 2000 ކޯޓާ ދީފައެވެ.