20 Jul 2019, 14:21
މިދުވަސްވަރު ސައިކަލު ވަގަށް ނެގުން އިތުރުވެފައިވާތީ ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން ބުނީ ރައްޔިތުންގެ މުދަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ކުށްކުރުން މަދުކުރުމަށް އެ މުވައްސަސާ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެށި އެ އޮޕަރޭޝަން މިމަހުގެ އަށްވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.
އޮޕަރޭޝަން ފެށިފަހުން 34 ސައިކަލެއް ގެއްލިގެން ފުލުހުންނަށް ހުށަހެޅި ކަމަށާއި 23 ސައިކަލެއް ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މި 23 ސައިކަލުގެ ތެރެއިން 11 ސައިކަލެއް ހޯދީ ފުލުހުންގެ މަސައްކަތުންނެވެ. އަނެއް 12 ސައިކަލު ހޯދީ އޭގެ ވެރިފަރާތުންނެވެ.
މީގެއިތުރުން އޮޕަރޭޝަން ފެށުމުގެ ކުރިން ގެއްލިގެން ރިޕޯޓުކުރި ނުވަ ސައިކަލެއްވެސް ހޯދާފައިވާކަމަށް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަނުގައި މިހާތަނަށް ހަރަތު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ތަހުގީގަށް ދޭންޖެހޭ އެއްބާރުލުން އެމީހުން ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ސައިކަލު ވަގަށް ނެގުން ހުއްޓުވުމާއި ސައިކަލުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސައިކަލުގެ ވެރިފަރާތުން ނުވަތަ އެސައިކަލެއް ދުއްވާ ފަރާތަކުންސަމާލުވާން ޖެހޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން ސައިކަލު ޕާކުކޮށްފައި ބަހައްޓާއިރު ހުންގާނު ލޮކްކޮށް އަދި އެއާއެކު ޝަޓާ ލޮކް ކޮށްފައި ބެހެއްޓުމާއި ސައިކަލުގައި އެލާމް ލޮކް ހަރުކުރުމާއި އަދި ސައިކަލު ހުރި ލޮކޭޝަން އެނގޭނެހެން ޖީޕީއެސް އެއް ކަހަލަ ޑިވައިސްއެއް ހަރުކޮށްފައި ބެހެއްޓުމާއި ގޮތް ނޭނގޭ މީހުންނާ ސައިކަލު ހަވާލުނުކުރުމަށާއި އަދި ސައިކަލު ޕާކު ކުރާއިރު އެކަހެރިކޮށް ހުންނަ ތަންތަނުގައި ސައިކަލު ޕާކު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ގެއްލިގެން ރިޕޯޓުކުރި ސައިކަލެއް ދާދިފަހުން ވަނީ މާލޭ ފަޅުތެރެއިންވެސް ހޯދައިފައެވެ. ގެއްލިގެން ރިޕޯޓު ކުރާ ސައިކަލުތައް ހޯދުމަށް އާންމުންގެ އެހީއަށް އެދި ފުލުހުންގެ ޓްވިޓާގައި ސައިކަލާ ބެހޭ މައުލޫމާތު ހިއްސާ ކުރެއެވެ. މި ފަހަކަށް އައިސް ސައިކަލު ގެއްލިގެން ހޯދަން އާންމު ކުރާ މައުލޫމާތު އިތުރުވެފައިވާކަބް ފާހަގަ ކުރެވެއެވެ.